ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަކީ ވަކި މީހެއްގެ ތަރިކައެއްނޫން ކަމަށް ވިދާޅުވެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެެއިންގެ ރައްދެއް މަޖިލިސްގެ ރައީސާއި، ނައިބް ރައީސަށް ދެއްވައިފިއެވެ.
އޭނާ އެހެން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރުން އެއްފަހަރާ ހުށަހެޅީ މަޖިލިސް ޑެޑްލޮކަކަށް ގެންގޮސް އެ ބާރު ހުއްޓުވާލާފައި ބޭއްވުމަށް ކަމަށް އީވާ ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ގަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރާ މައްސަލަ ކުރިއަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ މަޖިލިހުގެ ނައިބު ރައީސެވެ. ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ ރައީސެވެ.
ނަމަވެސް އީވާ ތުހުމަތު ކުރެއްވާ ގޮތުގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން އެއްފަހަރާ އެމްޑީޕީން މަޖިލިހަށް ވެއްދީ ރިޔާސީ އިންތިހާބަށް ތިން މަހަށް ވެފައިވާތީ ސަރުކާރަށް ފާރަވެރިވާން އޮތް މަޖިލިސް ހުއްޓުވާފައި ބޭއްވުމަށެވެ.
އީވާގެ ވާހަތަކާއި ގުޅިގެން ސައުދު ވިދާޅުވީ މަޖިލިސްގެ މިހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ކޮން ބޭފުޅެއްކަން މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށެވެ. މަޖިލީހަކީ ވަކި މީހަކު ބޭނުންވާ ގޮތަކަށް ގެންދަން އޮތް ތަނެއް ނޫންކަމަށް ސައުދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިސްގެ ރިޔާސަތު މަޖިލިސް ރައީސް ނުވަތަ ނައިބް ރައީސްއަށް ނުބެލެހެއްޓޭނެ ހާލަތުގައި މަޖިލިސް ރިޔާސަތު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ޤާނޫނީ އިޖުރާއަތުތައް މަޖިލިސްގެ ޤަވާއިދުގަ ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެބަވޭ. މަޖިލިސްގެ ރިޔާސަތަކީ ވަކި މީހެއްގެ ތަރިކައެއްނޫން.
– ސައުދު ވިދާޅުވިއެވެ.
އީވާގެ އިތުބާރު ނެތް މައްސަލާގައި ދިން 14 ދުވަހުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވެއެވެ. ނަމަވެސް އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ މެންބަރުންނަށް ސިޓީއެއް ފޮނުއްވައި އެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންގަވައިފައެވެ. ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ ކޮމިޓީތައް އެކުލަވާލާފައި ނުވާތީ އާންމު ކޮމިޓީން ވަގުތު ކަނޑައެޅުމުގެ މަސައްކަތް ނުކޮށް އޮތުމެވެ.
އެކަމަކު، މިހާރު ތިބި މެންބަރުންނާ އެކު އާންމު ކޮމިޓީ އަށް ގޮވާލެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ ސިޓީ އަށް ޖަވާބު ދީފައެވެ. މަޖިލިހުގެ ގަވާއިދަށް ރިއާޔަތްކޮށް، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ވަރަށް ގިނަ މެމްބަރުން ދެކެވަޑައިގަންނަވަނީ ދާއިމީ ކޮމިޓީތަކުގެ މެމްބަރުން އެ ކޮމިޓީގައި ތިއްބަވާނެ ކަމަށެވެ.