ފާއިތުވެދިޔަ 19 އަހަރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މައި ހަރުގެ ހުރި ތަނުގައި ދަ ޑިމޮކްރެޓްސް އިން ބާއްވާ ފުރަތަމަ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އެމްޑީޕީގެ މައި ހަރުގެ މިހާތަނަށް ހުރި ހެންވޭރުކޮޅު އާރޓްފިޝަލް ބީޗު ކުރިމަތީގައި ހަދާފައިވާ މިހަރުގޭގެ ވެރިފަރާތުން ވަނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލް ތަފާތުވުންތަކާއިއެކު ހަރުގެ އެމްޑީޕީގެ އަތުން އަތުލައި، ދަ ޑީމޮކްރެޓްސްގެ ހަރަކާތްތަކަށް އެތަން ދޫކޮށްފައެވެ. އެތަނުގައި ހުރި ފޮޓޯތަކާއި، ކުލަވެސް މިހާރު ވަނީ ހުދު ކުލައަށް ބަދަލުކޮށްފައެވެ.
ދަ ޑިމޮކްރެޓްސް އިން މިރޭ އެމްޑީޕީގެ ކުރީގެ ހަރުގޭގައި ބައްވާ މިޖަލްސާގައި އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެއެވެ. އަދި އެބޭފުޅުން ގެންދަނީ މިޖަލްސާ އޮންނަކަން ޓުވީޓުކޮށް ގިނަ ބަޔަކު ބައިވެރިވުމަށް އެދެމުންނެވެ. ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަވާ ޕާޓީއަކަށްވާއިރު އަދި މިހާތަނަށް ދަ ޑިމޮކްރެޓްސްގެ ރަސްމީ އެއްވެސް ހަރަކާތަކުން ނަޝީދު ފެނިފައި ނުވެއެވެ.
މިރޭ ބާއްވާ ޖަލްސާއަކީ އާންމު ތަނެއްގައި ދަ ޑީމޮކްރެޓްސް އަށް ނިސްބަތްވާ ބޭފުޅުން ބާއްވާ ފުރަތަމަ ޖަލްސާވެސް މެއެވެ. ނަމަވެސް މިޖަލްސާގައި ވާހަކަ ދައްކަވާ ބޭފުޅުންނަކީ ފާއިތުވެދިޔަ 19 ވަރަކަށް އަހަރުގެ ތެރޭގައި އެމްޑީޕީގެ ޕޯޑިއަމްތަކުގައި އެންމެފަރިތަކޮށް ވާހަކަ ދައްކަމުން ދިޔަ މީހުންނެވެ.
ޑިމޮކްރެޓުންގެ ޖަލްސާއަށް ވަޑައިގެންދެއްވުމަށް އެދި އެންމެހައި މެންބަރުންނާއި ސަޕޯޓަރުންނަށް ދައުވަތު އަރުވަން.
ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތި)
މިރޭ 8:45 ގައި.@TheDemocratsMV#WeTheDemocrats pic.twitter.com/Rgde5TuODv— Hassan Latheef🎈 (@HassanLatheef) June 9, 2023
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މީހުންނަށްވުރެ ގިނަ ފޯމުތަކާއިއެކު އިލެކްޝަނަށް ވަނީ ހުށަހަޅާފައެވެ. ބެލެވޭ ގޮތުގައި މިފެށޭ ހަފްތާގައި ޕާޓީ ރަޖިސްޓްރީ ކުރުމާއި މެދު އިލެކްޝަނުން ގޮތެއް ނިންމާނެއެވެ.
ކޮމެންޓު ފޮނުވާ