ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ އެންބޮޑު ޑީމޮކްރަޓިކް މުއައްސަސާއަށްވާއިރު މަޖިލިސް ހުއްޓުވާފައި، ހައިޖެކް ކުރުމުގެ ޖާގަ އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން ކަމަށާއި މަޖިލިސް އަދިވެސް ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އަސްލަމްގެ ވާހަތަކާއި ގުޅިގެން މަޖިލީހުގައި ހިމެނޭ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން ދަނީ އަސްލަމަށް ރައްދު ދެއްވަމުންނެވެ.
އެމެމްބަރުން ވިދާޅުވަމުންދަނީ މަޖިލިސްގެ ނައިބް ރައީސްއާއި ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހެޅިފައިވާ މިހާލަތުގައި މަޖިލީހުގެ ގަވާއިދު އޮތް ގޮތުން މަޖިލިސް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތްކަމަށެވެ. އެބޭފުޅުން ތުހުމަތު ކުރައްވަނީ މަޖިލީހުގެ ރިޔާސަތުގެ އިސް ދެބޭފުޅުންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލިސް ހުއްޓުވުމަށެވެ.
ޑިމޮކްރެޓްސްގެ މެމްބަރުން ދައްކަވާ ވާހަތަކަށް ރައްދު ދެއްވައި މެމްބަރު އިކްރާމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު ވެސް އަދި ޤާނޫނު އަސާސީވެސް ހެދިފައިވަނީ އެއްވެސް މުވައްސަސާއެއް ނުހިނގާނެ ގޮތަކަށް ނޫންކަމަށެވެ. ވަކި އެންމެ މާއްދާއެއްގައި ހިފާ މަޖިލިސް ހުއްޓުވާފައި ބާއްވަން ކުރާ މަސައްކަތަކީ ޑިމޮކްރަސީއާއި ބީރައްޓިހި ކަމެއްކަމަށް އިކްރާމް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ހަދާފަ ވަނީ މަޖިލިސް ހިންގަން. މަޖިލިސް ހުއްޓުވާފަ ބާއްވާކަށްނޫން. ޤަވާއިދުގެ ތަންކޮޅެއް ނަގައިގެން މަރުތަޅު އަޅުވަން މަސައްކަތް ކުރުމަކީ އަމިއްލަ އެދުން އިސްކޮށް ޤާނޫނު މުގުރާލުން. ރާއްޖޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް މުއައްސަސާ ހައިޖެކް ކުރެވިގެން ނުވާނެ.
– އިކްރާމް ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތް މައްސަލާގައި ދިން 14 ދުވަހުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވެއެވެ. ނަމަވެސް އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ މެންބަރުންނަށް ސިޓީއެއް ފޮނުއްވައި އެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް އަންގަވައިފައެވެ. ސަބަބެއް ގޮތުގައި އޭނާ ވިދާޅުވީ ކޮމިޓީތައް އެކުލަވާލާފައި ނުވާތީ އާންމު ކޮމިޓީން ވަގުތު ކަނޑައެޅުމުގެ މަސައްކަތް ނުކޮށް އޮތުމެވެ.
އެކަމަކު، މިހާރު ތިބި މެންބަރުންނާ އެކު އާންމު ކޮމިޓީ އަށް ގޮވާލެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ އެ ސިޓީ އަށް ޖަވާބު ދީފައެވެ. މަޖިލިހުގެ ގަވާއިދަށް ރިއާޔަތްކޮށް، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ވަރަށް ގިނަ މެމްބަރުން ދެކެވަޑައިގަންނަވަނީ ދާއިމީ ކޮމިޓީތަކުގެ މެމްބަރުން އެ ކޮމިޓީގައި ތިއްބަވާނެ ކަމަށެވެ.