ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ވާ ބޮޑެތި ވައުދުތަކާއެކު އެމްއެންޕީގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކޮށްފިއެވެ. ރޭ މީރުމާ މާލަމްގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި އެމްއެންޕީގެ "އުޖާލާ ޒަމާން" މެނިފެސްޓޯ ލޯންޗުކޮށްދެއްވީ އެޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމްއެވެ.
މެނިފެސްޓޯ ލޯންޗު ކޮށްދެއްވުމަށްފަހު ނާޒިން ވަނީ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތަފްސީލުތައްވެސް ހުށަހަޅުއްވާ ދެއްވާފައެވެ.
އެމްއެންޕީގެ މެނިފެސްޓޯ ބިނާ ކޮށްފައިވަނީ މައިގަޑި 9 އަސާސެއްގެ މައްޗަށެވެ. އިސްލާމީ ވަހުދަތް، އުފާވެރި ޒުވާނާ، ބާއްޖަވެރި އާއިލާ، ފަންނީ ޖީލު، ބަދަހި އިގްތިސާދު، ސަލާމަތްތެރިކަން ކަށަވަރު، އަދުލު އިންސާފު، ނަޒާހަތްތެރި ވެރިކަން، މި ފަސް އަސާސްތަކެވެ.
މި މައިގަޑޫ އަސާސްތަކަށް ފައްތައިގެން އެމްއެންޕީއިން ވަނީ އެޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ވެރިކަމުގެ ދައުރުގައި ކޮށްދޭނެ ގިނަ ވައުތަކެއް މެނިފެސްޓޯގައި ހިމަނާފައެވެ. އޭގެ ތެރޭގައި، ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން، ކޮންމެ މަހަކު، ފުރަތަމަ 100 ޔުނިޓް ހިލޭކުރުމުގެ އިތުރުން، ޑޮމެސްޓިކް ފެން ބިލުން 3000 ލީޓަރު ފެން ހިލޭ ކުރުން ހިމެނެއެވެ.
އޭގެ އިތުރުންވެސް ގެބިސީތަކުން އުފެދޭ ޑޮމެސްޓިކު ކުނި (ހައުސް ހޯލްޑް ވޭސްޓް) އުކާލުން ހިލޭ ކުރުމާއި އާންމު ބޭނުންތަކަށް ބޭނުންކުރާ ކޮތަޅުން ނެގުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށް ނިންމާފައިވާ 2 ރުފިޔާގެ ޓެކްސް ކަނޑާލުންވެސް ހިމެނެއެވެ.
ހަމައެއާއެކު، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް 3،000 ރުފިޔާގެ ރޯދަ އެލަވަންސެއް ދިނުމުގެ އިތުރުން، މައްސަރު ދުވަސްތަކުގައި އަންހެނުން ބޭނުންކުރާ ޕެޑް ހިލޭ ހެލްތު އިންޝޫރެންސް މެދުވެރިކޮށް ހިލޭ ލިބޭނެ ގޮތް ހެދުމާއި، އެކަނިވެރި މައިންނަށް ލިވޭ އިނާޔަތް 4،000 ރުފިޔާއަށް ބޮޑު ކުރުމަށްވެސް މެނިފެސްޓޯގަ ހިމަނާފައެވެ.
އަދި ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުންފަދަ ބޮޑެތި ކުށްތަކުގެ އަދަބު ލުއި ނުކުރެވޭނެ ގޮތަށް ނިޒާމު ބަދަލު ކުރުމާއި، އަންހެނުންނަށް ފުރައްސާރަކުރުމާއި ހަނގާކުރާ މައްސަލަތަކަށް ވަގުތުން ފިޔަވަޅު އެޅުން ހަރުދަނާ ކުރާނެކަމަށްވެސް ރޭ ލޯޗްކުރި އެމްއެންޕީގެ މެނިފެސްޓޯގައި ވައުދު ވެފައި ވެއެވެ.
ތައުލީމީ ދާއިރާއަށް އެޕާޓީން ވެފައިވާ ވައުދުތަކުގެ ތެރޭގައި ސާނަވީ ތަޢުލީމުދޭ ސްކޫލުތަކުގައި އާޓްސް / ހިއުމަނިޓީސް ސްޓްރީމް އަލުން ތައާރަފްކުރުމުގެ އިތުރުން ހުރިހާ ސްކޫލެއްގެ އިންޓަނެޓް ކަނެކްޝަން 6 ޖީބީޕީއެސް އަށް މަތިކުރުމަށްވެސް ވަނީ ހިމަނާފައެވެ.
އޭގެ އިތުރުންވެސް ރާއްޖޭގައޮ ބައިނަލްއަގުވާމީ ފެންވަރުގެ ސްޕޯޓްސް އެކެޑެމީ ތަރައްގީ ކުރުމާއެކު، އެ އެކެޑެމީއިން ދަސްވެނިވާ ދަރިވަރުންނަކީ މުސްތަޤުބަލުގައި އަމިއްލައަށް އާމްދަނީ ހޯދޭނެ ފެންވަރުގެ ބަޔަކަށް ހަދާނެކަމަށްވެސް އެމްއެންޕީގެ މެނިފެސްޓީގައި ބުނެފައި ވެއެވެ.
އެމްއެންޕީ ހިމެނިގެން ދިޔައީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް އިއުލާން ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ރިޔާސީ މެނިފެސްޓޯ އެންމެ ފުރަތަމަ އިއުލާންކުރި ޕާޓީ ކަމުގައެވެ.
ކޮމެންޓު ފޮނުވާ