އެމެރިކާގެ ފިޒާ ކުފުންޏާއި އެކުންފުނީގެ ޕާޓްނަރ ކުންފުނި، ޖަރުމަނު ވިލާތުގެ ބައޯއެންޓެކް ކުންފުނިން އުފެއްދި ކޯވިޑް19 ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދީ، ކޯވިޑް19 އާ ދެކޮޅަށް އާންމުކޮށް ވެކްސިން ބޭނުން ކުރާނެ ފުރަތަމަ ގައުމު ކަމުގައި އިގިރޭސިވިލާތް ވެގެން ހިގައްޖެއެވެ.
އެގިރޭސި ވިލާތުގެ މެޑިސިން ރެގިއުލޭޓަރ، MHRA އިން ބުނެފައި ވާގޮތުގައި، ކުރެވުނު ތަހުލީލުތަކުން %95 މީހުންނަށް ވައިރަހުން ސަލާމަތްތެރިކަން ފޯރުކޮށްދޭނެ ކަމަށް ދައްކާފައިވާ މިވެކްސިނަކީ އާންމުކޮށް ބޭނުންކުރެވިދާނެ ފެންވަރުގެ ވެކްސިނެކެވެ.
އިގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ވިދާޅުވީ، އިގިރޭސިވިލާތުގެ ރައްޔިތުންނަށް އަންނަ ހަފްތާއިން ފެށިގެން ވެކްސިން ދިނުމަށްޓަކާ، ވެކްސިންގެ 800،000 ޑޯޒު މިހާރުވަނީ ތައްޔާރު ކުރެވިފައެވެ.
ހެލްތު ސެކެޓްރީ ވަނީ، ވެކްސިން ޖެހުމަށް އިންގިރޭސިވިލާތުގެ ރައްޔިތުން އަވަސްވެ ނުގަނެ، އެގައުމުގެ ނޭޝަނަލް ހެލްތު ސާވިސްއިން އަންގަންދެން މަޑުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
އިގިރޭސި ސަރުކާރުން ބުނެފައިވަނީ، ވެކްސިން ޖެހުމުގައި އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން އެދުމަތިވެފައިވާ މުސްކުޅިންނާއި އަދި މުސްކުޅިން ބެލެހެއްޓުމުގައި ހަރަކާރްތެރިވާ މީހުނަށެވެ. އަދި އޭގެފަހުން އިސްކަންދޭ ލިސްޓު ތަރުތީބު ކުރެވިފައިވާ ގޮތަކީ، 80 އަހަރުން މަތީ މުސްކުޅިންނާ އަދި، ސިއްޙީ ޚިދުމަތްތެރިންނެވެ.
އެހެންނަމަވެސް، އިގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގައި، 70C- ގައި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާތީ، ވެކްސިން އެންމެ ފުރަތަމަ ދޭން ފެށިގެންދާނީ ހޮސްޕިޓަލްތަކުގައި ކަމަށްވެސް ހެލްތު ސެކެޓްރީ ވިދާޅުވެފައި ވެއެވެ. މިގޮތުން ގޭގެއަށް ފަރުވާދިނުމަށް ހޮސްޕިޓަލްތަކުގެ ފަރާތުން ޒިޔާރަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ހިމެނިގެންނެ ދާނީ ހޮސްޕިޓަލްތަކުގައި އެންމެ ފުރަތަމަ މިވެކްސިން ދެވޭނެ މީހުންގެ ގޮތުގައެވެ. އޭގެ ފަހުން ނޭޝަނަލް ހެލްތު ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ބަލި މީހުންނަށް ވެކްސިން ދެވެނޭކަމަށްވެސް ހެލްތު ސެކެޓްރީ ވިދާޅުވެފައި ވެއެވެ.
ފިޒާ/ބޮއޯއެންޓެގެ ވެކްސިން ވެގެންދާނީ، ދުނިޔޭގައި މިހާތަށް އެންމެ އަވަހަށް އުފެއްދި ވެކްސިން ކަމުގައެވެ. އާންމުކޮށް މިފަދަ ވެކްސިނެއް އީޖާދު ކުރުމަށް 10 އަހަރު ނަގާއިރު، ފިޒާ/ބޮއޯއެންޓެގެ ވެކްސިން އުފައްދާފައި މިވަނީ އެންމެ 10 މަސްދުވަހުގެ ތެރޭގައެވެ.
އިގިރޭސިވިލާތުން ވަނީ ކޯވިޑް19 ވެކްސިންގެ 40 މިލިއަން ޑޯޒަށް އޯޑަރު ކޮށްފައެވެ. މިއީ އެގައުމުގެ 20 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ބޭނުންވާ މިންވަރެވެ. މިވެކްސިނަކީ ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކުވެސް ޖަހަންޖެހޭ ވެކްސިނެކެވެ. އަދި ކޮންމެ ޑޯޒެއްވެސް ޖަހަން ޖެހޭނީ 4 ހަފްތާގެ ދުރުމިނެއްގައެވެ.
އިގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ ހެންކޮކް ވިދާޅުވެފައިވަނީ، ބެލްޖިއަމްގައި ފިޒާ ކުންފުޏަށް ވެކްސިން އުފެއްދޭހާ އަވަހަކަށް ވެކްސިން އިގިރޭސިވިލާތަށް ފޯރުކޮށް ދެމުން ގެންދާނެއެވެ. މިގޮތުން ފުރަތަމަ ޝިޕްމަންޓް ފެށޭ ހަފްތާގައި އެގައުމަށް ގެނައުމަށް ހަމެޖެހިފައިވާއިރު، އެތައް މިލިއަން ވެކްސިނެއް ޑިސެމްބަރު މަހުގެތެރޭގައި އިގިރޭސިވިލާތަށް ލިބިގެން ދާނެއެވެ.
އެހެންނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ގަޑުކޮށް ބޮޑު އަދަދެއްގެ ވެކްސިން ލިބިގެން ދާނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. "2020 ވަނަ އަހަރު ވެގެން މިދަޔައީ މޮޅިވެރި އަހަރަކަށް. 2021 ވަނަ އަހަރު ވެގެންދާނީ، މިމާޔޫސްކަން ނެތިގެންްދާނެ އަހަރަކަށް،" ހެންކޮކް ވިދާޅުވިއެވެ.
"މިއަދު މިލިބުނު ޚަބަރާއެކީ އޮތް ޔަގީންކަމަކީ، ފިނި މޫސުމަށްފަހު، އަދި ވަކީން ޚާއްސަކޮށް އީސްޓަރއިން (އެޕްރިލް 4) ފެށިގެން ހާލަތު ދާނީ ރަގަޅުވަމުންކަން. އަދި އަންނަ އަހަރުގެ ހޫނު މޫސުން ވެގެން ދާނީ އަހަރުމެން އެންމެންމަށްވެސް އެކީގައި މަޖާ ކުރެވޭނެ މޫސުމަކަށް."
އިގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، "މި ވެކްސިން ވެގެންދާނީ އަހަރުމެން އެންމެންގެވެސް ފުރާނަ ސަލާމަތ ކޮށްދީ، އަދި އިގްތިސާދުތައް އަލުން ކުރިއަރުވަން ފަށާނެ ވަސީލަކަށް" ކަމުގައެވެ.
އިގިރޭސިވިލާތުގައި ވެކްސިން ޖެހުން މަޖުބޫރު ކުރެވިގެނެއް ނުދާނެއެވެ. އަދި އެގައުމުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ތިން ގޮތަކުންނެވެ. އެއީ، ހޮސްޕިޓަލް ތަކުންނާއި، ވެކްސިން ސެންޓަރު ތަކުންނާއި އަދި މީގެ އިތުރުން ކްލިނިކްތަކުގައި މަސައްކަތް ކުރާ ޖެނެރަލް ޕްރެކްޓިޝަނުން އަދި ޕާމަސިސްޓުން މެދުވެރި ކޮށެވެ.
އިގިރޭސިވިލާތުގައި ވެކްސިންދިނުމަށްޓަކާ 50 ހޮސްޕިޓަކާ ސެންޓަރެއް ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ