ދަ ޑިމޮކްރެޓްސް ޕާޓީއަށް ވަނުމަށް އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓެއް ލީކުވެފައިވަނީ ކޮމިޝަން ތެރެއިން ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ދަ ޑިކޮރެޓްސް އަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުނުކުރަނީސް، އެ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސް އިން ވަނީ އީސީ އަށާއި ފުލުހުންނަށްވެސް ހުށަހަޅާފައެވެ. ޑިމޮކްރެޓްސް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވަނީ އެ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމުތައް ލީކުވެފައިވާކަން ހާމަކުރައްވައިފައެވެ. އަދި އެ ލިސްޓަކީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ހޯދައިގެން އުޅޭ ލިސްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަނަށް ތުހުމަތުކޮށް ޑިމޮކްރެޓްސް އަށް ތާއީދު ކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަތަކާއި ގުޅިގެން އީސީން ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ އެއްވެސް ކަމަކީ އެ ކޮމިޝަނުގެ ތެރޭގައި ހިނގާފައިވާ ކަންކަމެއް ނޫން ކަމަށާއި އެފަދަ އެއްވެސް އަމަލެއް ކޮމިޝަންގެ އެއްވެސް މެމްބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައި ނުވާކަން ދަންނަވާ ކަމަށެވެ.
އީސީން ވަނީ ރިޔާސީ އިންތިހާބަށް ކޮމިޝަނުން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ކޮމިޝަނާއި ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ކޮމިޝަން މަތިކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ކޮމެންޓު ފޮނުވާ