އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމާލައިފިއެވެ.
އަރބަކޯއިން ހާމަ ކޮށްފައިވާ ގޮތުގައި އެކުންފުނީގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓަކީ މާލެ ޖަލު ހިންމަފުއްޓަށް ބަދަލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. އެގޮތުން މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ހަދައި ނިމެން ގާތްވެފައިވާއިރު، އެތަނުގައި ދަރުވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަން އެކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.
މިގޮތުން، ރައީސް އޮފީހުގެ އެދުމުގެ މަތިން، އެކުންފުނީގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރި މި ޖަލަކީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބައު އިމާރާތެއްކަމުގެ އާބަންކޯއިން ބުނެފައި ވެއެވެ.
އާބަންކޯއިން ބުނެފައިވަނީ، އެތަނުގައި އެ ކުންފުނީގެ ޓީމުން މިހާރު އިމާރާތްކުރި ޖަލުއިމާރާތުގައި 4 ބްލޮކް ހިމެނޭ ކަމަށެވެ. އަދި ޖާގައިގެ ގޮތުން މީގެއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބެހެއްޓޭނެކަން އެކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން، ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެތަނުގައި އިމާރާތްކޮށްފައިވާނެކަމަށާއި، މައި އިމާރާތުގެ ސްޓަރްކްޗަރ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް އެ ކުންފުނިން ކޮން ނިންމާފައިވާކަން އަދި ތަނުގެ ހުރިހާ މަސައްކަތްތައް ނިންމާލުމަށް ފަހު ކުންފުނީގެ ފަރާތުން މިހާރު ވާނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފައިވާކަމަށްވެސް އާބަންކޯއިން ހާމަކޮށްފައި ވެއެވެ.
އަރބަންކޯއިން ބުނެފައިވަނީ އެކުންފުނީގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނުނުކަމުގައިވީ ނަމަވެސް، ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުންފުނިން އަންނަނީ އާންމު މުޖުތަމައުއަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުން ކަމުގައެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް އެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށް ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ