ދި ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓު ލީކުވި މައްސަލަ އީސީން ބަލަނީ

ދި ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓު ލީކުވި މައްސަލަ އީސީން ބަލަނީ

Author
އަޒްފާ ރަޝީދު
04 ޖޫން 2023 06:44
0

"ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ނުކުރަނީސް އާންމުވި މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބެނެފިއެވެ.

ޑިމަކްރެޓްސްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، އެ ޕާޓީއަށް ސޮއިކޮށްފައިވާ މެންބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އެކަމާ ގުޅިގެން އީސީއިން ވިދާޅުވީ، އީސީ ތެރެއިން އެ ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު ލީކުވިކަމުގެ ޝަކުވާ އެ ޕާޓީން އިއްޔެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގާފައިވާ ކަމަށާއި އެކަމުގެ ތެރެއިން ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ބަލައި، އެއީ ތެދެއް ކަމުގައި ވާނަމަ، އެ ކަމުގައި ޝާމިލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް އީސީއިން ހާމަކޮށްފައިވެއެވެ.

ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓު އާއްމުވި މައްސަލައިގައި އެ ޕާޓީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ސިޔާސީ ޕާޓީއަކަށް ވަންނަ މީހުންގެ ލިސްޓު އާންމު ކުރުމުގައި އަމަލު ކުރަން ޖެހޭ ވަކި އުސޫލެއް އޮތް ނަމަވެސް އީސީގެ ވެބްސައިޓުގައި އެ ލިސްޓު އާންމު ކުރުމުގެ ކުރިން އެ ލިސްޓު ބައެއް އާންމު މެންބަރުންނާ ހިސާބަށް އައުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށާއި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

ޝިފާޒް ވިދާޅުވީ، އެ ލިސްޓުގައި ނަން އޮތް މީހުންނަށް ސަރުކާރަށް ވާގިދޭ ފަރާތްތަކުން ގުޅައި ބިރުދައްކަމުންދާ ކަމަށެވެ. އެ މައްސަލަ އެ ޕާޓީން ވަނީ، މިހާރު ފުލުހަށް ވެސް ހުށަހަޅާފައެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، މައްސަލަ ބޮޑުވުމަށް ފަހު ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން އެ ޕާޓީން ވަކިވެ އުފައްދަން މަސައްކަތް ކުރަމުންދާ ޕާޓީއެކެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން ވަނީ އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައިފައެވެ.

އެ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދީފައިވާއިރު، މިދިޔަ ބުދަ ދުވަހު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،500 މެންބަރުންގެ ފޯމު އީސީ އަށް ވަނީ ހުށަހަޅާފައެވެ. އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.