ބަންޑާރަ ނައިބް ރިއްފަތުގެ އިތުބާރު ނެތް މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ބަންޑާރަ ނައިބް ރިއްފަތުގެ އިތުބާރު ނެތް މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 ޖޫން 2023 01:02
0

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ސޮއިކުރެއްވުމަށްފަހުއެވެ. ބަންޑާރަ ނާއިބާއި ޚާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި، މޮރިޝަސްގެ ކަނޑުގެ މައްސަލާގައި އިހުމާލުވުން އޮތްކަމަށް ބުނެއެވެ.

މާދަމާގެ ޖަލްސާގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައިވެސް އޮތީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. މިމައްސަލާގައި ރިއްފަތަށް މަޖިލީހުގައި ޖަވާބު ދާރީވާން 30 މިނިޓް ލިބިގެންދާނެއެވެ. އެއީ ބަހުސް ފެށުމުގެ ގޮތުން 10 މިނިޓް މެދުތެރެއިން 10 މިނިޓް އަދި ނިންމުމަށް 10 މިނިޓެވެ. މާދަމާ މަޖިލީހުގެ ޖަލްސާއަށް ރިއްފަތުގެ އިިތުބާރު ނެތް މައްސަލަ އެޖެންޑާކޮށްފައިވާއިރު، ރައީސް ޞާލިހު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ބައިވެރި ވަމުންނެވެ. ނަމަވެސް މާދަމާގެ ޖަލްސާއަށް މިބޭފުޅުން ވަޑައި ގަންނަވާނެކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް، ޖަލްސާގައި ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް ރިއްފަތު މަޖިލީީހަށް ވަޑައިނުގެން ލިޔުމުން ޖަވާބު ފޮނުވުމުން ޖަލްސާގައި އެމައްސަލަ ކުރިއަށް ނުގެންދެވުނެވެ. ނަމަވެސް އެކަމާ މެދު މަޖިލީހުގައި ހިޔާލުތަފާތުވުން އުފެދުމުން އެކަން މަޑުޖައްސާލައްވައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނިންމެވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށެވެ.

ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ރިއްފަތު ވިދާޅުވީ، ލިޔުމުން ދިފާއު ޖަވާބުދާރީ ވެފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބިނާކޮށްފައިވާ މައިގަނޑު މައްސަލައަކީ އޭގައި ގިނަ ވާގިއާތަކެއް އަދި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައެއް ކަމަށްވާތީ ކަމަށެވެ. އަދި އެކަމުގައި އޭނާ އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާތީ އެކަން އެންމެ ތަފުސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމަށްވެސް ސިޓީގައި ރިއްފަތު ވިދާޅުވިއެވެ.

ރިއްފަތު ވިދާޅުވީ، ބުދަ ދުވަހަށް ތާވަލް ކުރި ޖަލްސާގައި އޭނާއަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ އަނގަބަހުން އެމައްސަލާގައި ޖަވަބުދާރީވުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. ގާނޫނުއަސާސީގެ 101 ވަނަ މާއްދާ ބުނާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ވަޒީރުންނަށް އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވެއެވެ.

މާދަމާ ބާއްވާ ޖަލްސާގައި ރިއްފަތު ބައިވެރިވެ ވަޑައިގެން މިމައްސަލާގައި ޖަވާބު ދާރީވާނެކަމަށް ބެލެވެއެވެ. މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.