މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމުން ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ، ލިއޮނަލް މެސީ އާއި ސާޖިއޯ ރާމޯސް އެ ކްލަބަށް ކުޅެދިން ފަހު މެޗުގައި، ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ 3-2 އިން ކްލާމޮންޓް އަތުން ބަލިވެއްޖެއެވެ.
މިސީޒަންގެ ނިޔަލަށް އެއްބަސްވުން ހަމަވެ, ކްލަބްގައި މަޑުނުކުރަން ނިންމާފައިވާ ދެ ލެޖެންޑުން ޕީއެސްޖީގެ ޖަރޒީގައި ކުޅުނު ފަހު މެޗަކީ ރޭ ކްލެމެންޓް ފޯޓްއާ ދެކޮޅަށް ލީގުގައި ކުޅުނު ފަހު މެޗެވެ. އެ މެޗުން ޗެމްޕިއަން ޕީއެސްޖީ ބަލިވީއެވެ. ޕީއެސްޖީ ބަލިވީ 3-2 ނެވެ. ސާޖިއޯ ރާމޯސް ވަނީ އޭނާގެ ވަދާއީ މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައެވެ. ދެވަނަ ގޯލް ޕެނަލްޓީއަކުން ޖެހީ އެމްބާޕޭއެވެ.
ކްލެމެންޓް ފޯޓުން ޕީއެސްޖީގެ މައްޗަށް ކުރިހޯދީ ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. އޭގެތެރެއިން ދެ ލަނޑު ޖެހީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑު ޖެހީ ގަސްޓިއެންއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަކޮށްދިނީ މެހުދީ ޒެފާންއެވެ. ޕީއެސްޖީގެ މައްޗަށް ކުރިހޯދައިދިނީ ކިޔޭއެވެ.
މެޗު ފެށުމުގެ ކުރިން ވެސް މެސީއަށް ޕީއެސްޖީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވިއެވެ. އަދި މެޗުގައި އޭނާއަށް ލިބުނު ފުރުޞަތުތައް ވެސް ބޭނުން ނުކުރެވުނެވެ. މެޗުގައި ޕީއެސްޖީގެ ސަޕޯޓަރުންނާއި ކުޅުންތެރިން ވަނީ އެކްލަބުގެ ގޯލް ކީޕަރު ރިކޯގެ ހަނދާން އައުކޮށްފައެވެ. މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކީޕަރަށް ޚާއްޞަ ބެނާއެއް މެޗު ފެށުމުގެ ކުރިން އަދި އޭނާ ބޭނުންކުރާ ޖަރޒީގެ ނަމްބަރަށް ނިސްބަތްވާގޮތަށް 16 ވަނަ މިނެޓުގައި ވެސް ދައްކާލިއެވެ.
ޕީއެސްޖީން ވަނީ މި ސީޒަނުގައި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދައި 11 ވަނަ ތަށްޓާ އެކު، ފްރާންސްގެ ތާރީހުގައި އެންމެ ގިނަ ލީގު ތަށި ހޯދި ޓީމުގެ ޝަރަފް ހޯދައިފަ އެވެ.
ކޮމެންޓު ފޮނުވާ