އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ރޭ އިލްކާއި ގުންޑޮގާންގެ ދެ ގޯލާ އެކު، 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ސިޓީން އެފްއޭ ކަޕް ކާމިޔާބުކުރި ހަތް ވަނަ ފަަހަރެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިޓީއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. އެކަމަކު މިމެޗް ސިޓީން ފެށީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗް ފެށިތާ 12 ވަނަ ސިކުންތުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިލްކާއި ގުންޑޮގާންއެވެ.
މިއި އެފްއޭ ކަޕްގެ ތާރީހްގައިވެސް މިމުބާރާތުގެ ފައިނަލްގައި މިހާތަނަށް ކާމިޔާބުކުރި އެންމެ އަވަސް ލަނޑެވެ. މީގެކުރިން އެންމެ އަވަސް ލަނޑު ޖަހާފައިވަނީ 2009 ވަނަ އަހަރު ޗެލްސީ އާއި އެވަޓަން ބައްދަލުކުރިމެޗްގައި އެވަޓަންގެ ލުއިސް ސަހާއެވެ. އެއީ މެޗް ފެށިތާ 25 ސިކުންތެވެ.
މިލަނޑާއެކުވެސް ރަނގަޅު ކުޅުމެއް ސިޓީން ކުޅެމުންދިޔަ ނަމަވެސް ލިބޭ ފުރުސަތުތަކުގައި ޔުނައިޓެޑުންވެސް ދިޔައީ ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަދި މެޗްގެ 33 ވަނަ މިނެޓްގައިލިބުނު ޕެނަލްޓީ އަކުން ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަކޮށްފައެވެ. މިޕެނަލްޓީ އަކީ ސިޓީގެ ގޯލް ކުރިމައްޗަށް ހުރަސްވާން ދިޔަ ބޯޅައެއްގައި ޖެކް ގްރީލިޝް އަތްލި ކަމަށް ވީއޭއާރަށް ފެނުމުން، ރެފްރީ ދެވަނަ ފަހަރަށް ޕިޗްސައިޑް މޮނީޓަރ ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ.
މިމެޗްގައި ސިޓީ މޮޅުކޮށްދިން ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި އަނެއްކާވެސް ކާމިޔާބުކޮށްދިނީ ގުންޑޮގާންއެވެ. އޭގެ ފަހުން މިމެޗްގައި ގުންޑޮގާން ހެޓްރިކެއް ހެދި ކަމަށް ބެލެވުނު ނަމަވެސް، އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑު ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ.
މިކާމިޔާބީއާއެކު މިސީޒަންގައި ތިން ތަށި ކާމިޔާބުކުރުމަށް ސިޓީން ކުރަމުން އަންނަ އުއްމީދުވެސް މިވަނީ ދަމަހައްޓާފައެވެ. އެގޮތުން އަންނަ ހަފްތާގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަރ މިލާނާ ބައްދަލުކުރާ މެޗް ކާމިޔާބު ކުރެވިއްޖެނަމަ ތިން ތަށި ކާމިޔާބުކުރެވި، އެކަން ހާސިލުކުރެވޭ އިނގިރޭސި ދެވަނަ ޓީމަށް އެޓީމް ވެގެންދާނެއެވެ. 1999 ވަނަ އަހަރު މިޝަރަފް އެންމެ ފުރަތަމަ ހޯދާފައިވަނީ ޔުނައިޓެޑުންނެވެ.