އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ

އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ

Author
މުޙައްމަދު ޝަޒައިމް
04 ޖޫން 2023 11:34
0

އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ސ. ހިތަދޫގައި ހަވާ އަރުވަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑު އަށް މިހާރު ލިބޭ ތަރައްގީ ފާހަގަކޮށް، އުފާ ފާޅުކުރުމުގެ ގޮތުން އެ ކައުންސިލުން މިރޭ ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ. ހަވާ އެރުވުން އޮންނަނީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ސްކޮޔާގައި ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

އައްޑޫގައި މިރޭ ހަވާ އަރުވާއިރު އައްޑޫ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ރަސްމީކޮށް ފައްޓަވައި ދެއްވާފައެވެ. ރައީސް ސޯލިހް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކާ އަދި 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަމަޖެހިފައިވެއެވެ.

އައްޑޫގެ ތަރައްގީއަށް ހިންގާ އެހެން މަޝްރޫއުތައް ބައްލަވާލައްވައި، ރައްޔިތުންނާ ވެސް ރައީސް ބައްދަލުކުރައްވާނެއެވެ. އައްޑޫގެ ބިން ހިއްކުމަކީ އެ ސިޓީގައި ބިމާ ގުޅޭ ގޮތުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއު ފެށީ މަރަދޫންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.