ޞިއްޙީ ދާއިރާއިން އައްޑޫ ސިޓީއަށް މިސަރުކާރުކާރުން ހެޔޮބަދަލުތަކެއް ގެނެސްދޭފި: ކައުންސިލް

ޞިއްޙީ ދާއިރާއިން އައްޑޫ ސިޓީއަށް މިސަރުކާރުކާރުން ހެޔޮބަދަލުތަކެއް ގެނެސްދޭފި: ކައުންސިލް

Author
މުޙައްމަދު ޝަޒައިމް
04 ޖޫން 2023 11:23
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި އައްޑޫސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އައްޑޫސިޓީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުގެ މެންބަރުން ވަނީ ޚާއްޞަގޮތެއްގައި އައްޑޫ ސިޓީގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ތަޢާރަފްކުރެވި އަދި ކެތްލެބްގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމާއި ހުޅުމީދޫގެ ޞިއްހީ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތަޢުލީމީ ދާއިރާއިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ކޮށްފައިވާަ މަސައްކަތްތަކާއި އަދި ތަޢުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ވެސް ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި، ކުނީ މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސިޓީ ކައުންސިލުގެ އިންސާނީވަޞީލަތް އިތުރުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވުންހިމެނެއެވެ. މީގެ އިތުރުން އިޤްތިޞާދީ އިޖުތިމާޢީ ދާއިރާއިން އައްޑޫ ސިޓީގެ ތަރައްޤީއަށް މުހިންމު އިތުރުކަންކަމާއި އަދި ޙައްލުހޯދުމަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަސްވެރިނަށް ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތް ތަކެއް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.