މި ސަރުކާރުން ވިއްލާފައިވާކަމަށް ބުނެ އިދިކޮޅު ބައެއް ސިޔާސީ ޕާޓީތައް އެކުވެގެން އުފައްދާފައިވާ ޗާގޮސް ކޯލިޝަންގެ މަސައްކަތްތައް ކުރިޔަށްދާނި އެ ކޯލިޝަންގެ ލީޑަރު، އިދިކޮޅު ޕީޕީއެމްގެ ރައީސް ޔާމިން ފުރިހަމަ އިރުޝާދާއެކު ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
އިތުރަށް ޕީޕީއެމް/ޕީއެންސީން ބުނެފައިވަނީ، ޗާގޮސް ކޯލިޝަންއިން ފަށާފައިވާ، ގެއްލިފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައި އަލުން ހޯދުމަށް އެ އިއްތިހާދުން ފަށާފައިވާ މަސައްކަތް ކާމިޔާބުކޮށް ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ބައި ހޯދުމުގައި ކުރާން ޖެހެނު ހުރިހާ މަސައްކަތްތެއް ކުރުމުގައި އެ ކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އިރުޝާދާއެކު ޕީޕީއެމް ޕީއެންސީން ދެގޮތެއް ނުވެ ދެމި އޮންނާނޭ ކަމުގައެވެ.
ޕީޕީއެމް ޕީއެންސީން މިހެން ބުނެފައިވަނީ، ރޭ ބޭއްވުނު ޗާގޮސް ކޯލިޝަނުން ބޭއްވި ޖަލްސާގައި އިންޑިއާ އައުޓު ބެނާއެއް ދެމުމާއި ގުޅިގެން އެކަން ކުއްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ޕީޕީއެމް/ޕީއެންސީން ބުނެފައިވަނީ، "ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު" ޖަލްސާގެ ތެރޭގައި އިންޑިއާއައުޓް ބެނަރ ދެމީ ޖަލްސާއަށް ހުރަސް އެޅުމަށް ސަރުކާރުން ފޮނުވި ބައެއް ކަމުގައެވެ.
ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގެ ފަރާތުން އިންތިޒާމުކޮށްގެން 2023 ޖޫން 2 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ކުރިއަށް ގެންދިޔަ "ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު" ބިޔަ ބޮޑު ޖަލްސާގެ ތެރެއަށް އިންޑިއާ އައުޓް ޓީޝަޓް ލައިގެން ތިބި ބަޔަކު ވަދެ، އިންޑިއާ އައުޓް ބެނަރ އެއް ދަމަން ކުރި މަސައްކަތް މިކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިންޑިއާއައުޓް ބެނާރ އާއިއެކު ޖަލްސާގެ ތެރެއަށް ބަޔަކު ފޮނުވާ ޖަލްސާގެ މިސްރާބު ބައްދަލުކޮށްލުމުގެ ފިނޑި އަދި ނާތަހުޒީބު ޢަމަލު ހިންގުމުގެ އަޑީގައި ތިބީ ސަރުކާރުގެ ވެރިން ކަމުގައެވެ. އެކަން އެގޮތަށް ކޮށްފައިވަނީ ސަރުކާރުން ފަންޑްކޮށްގެން ފޮނުވި ބައެެއް ކަމަށާއި، ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެފަދަ ކަމެއް ހިނގައިފިނަމަ، ސުލްޙަވެރިކަމާއެކު އެކަން ކުރާ ބަޔަކު ޖަލްސާއިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ތައްޔާރަށް ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
މިގޮތުން، އިތުރު ހަމަނުޖެހުމަކަށް ފުރުޞަތު ނުދީ، ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި އެބަޔަކު ޖަލްސާއިން ނެރެފައިވާކަމަށްވެސް ބުނެފައި ވެއެވެ.
ޕީޕީއެމް ޕިއެންސީން ބުނެފައިވަނީ، މިފަދަ ފިނޑި ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފެދިފައިވާ އިއްތިހާދު ރޫޅާލެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމުގައެވެ.
ޗާގޮސް ކޯލިޝަނުން ރޭ ބެއްވި ޖަލްސާގައި ބައިވެރިވަޑައިގެންނެވި ނަޝީދުގެ ޑޮމޮކްރޭޓްސް ޕާޓީއާއި ކާނަލް ނަޒިމްގެ އެމްއެންޕީއަކީ އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ "އިންޑިއާ އައުޓު" ކެމްޕޭނާއި ދެކޮޅު ދެ ޕާޓީއެކެވެ. އެހެންކަމުން ރޭގެ ޖަލްސާގައި "އިންޑިއާ އައުޓު" ޝިއާރު ފާޅު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްއިން ރާވައިގެން ޖަލްސާގައި ބައިވެރިވި "އިންޑިއާ އައުޓު" ކެމްޕޭނާ ދެކޮޅު ފަރާތްތަކަށް ޖެއްސުން ކުރުމުގެ ގޮތުންކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ.