ގާސިމްއާއި ދޭތެރޭ އޮތް އިހުސާސަކީ އިޙުތިރާމް: ނާޒިމް

ގާސިމްއާއި ދޭތެރޭ އޮތް އިހުސާސަކީ އިޙުތިރާމް: ނާޒިމް

Author
ހުސެއިން
02 ޖޫން 2023 06:40
0

ގާސިމް "ދުއްވާލައިގެން" ނޫން ގޮތަކަށް ސިޔާސީ ހަރަކާތް ހިންގެން ނެތްކަމަށް އެމްއެންޕީގެ ރައީސް ނާޒިމް އަރިހު އެޕާޓީގެ އިސްބޭފުޅުން ވިދާޅުވިކަމަށް ވިދާޅުވެ ގާސިމް އިބުރާހިމް ކުރެއްވި ތުހުމަތު ނާޒިމް ދޮގު ކުރައްވައިފިއެވެ.

ޗާގޮސްގެ މައްސަލައާއި ގުޅޭގޮތުން ވީޓީވީ މެދުވެރިކޮށް މިއަދު ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ނޭޝަނަލް ޕާޓީ ހައްދަވަން ކާނަލް ނާޒިމްއާއި ނާޒިމްގެ ގާތް ބޭފުޅުން އެޕާޓީ ދޫކޮށް ވަޑައިގެންނެވީ އެބޭފުޅުން އޮތް "އެމްބިޝަން"އެއްގެ ސަބަބުން ކަމަށާއި އެއީ ގާސިމްގެ ގައިގައި "ޖަހާންވީ" ސަބަބެއް ނޫން ކަމަށެވެ.

މިއަދު އަޅުގަޑުގެ ރައްޓެއްސަކު އަޅުގަޑު ކައިރީގަ ބުނީ، ކާނަލް ނާޒިމްމެންގެ ޕާޓީ، ނޭޝަނަލް ޕާޓީގެ ވަރަށް މަތީ ދެ ބޭފުޅަކު ވިދާޅުވިއޭ މި ގާސިމް ދުއްވާލައިގެން ނޫން ގޮތަކަށް ނެތޭ މިކަން ވާކަށެއް. މިހިރީ ބައްލަވާ! ކޮންކަމަކާތޯ؟ ކާނަލް ނާޒިމްމެން ނޫނީ ވިއްޔާ ދެން ޕާޓީ ހައްދަވަން އެންމެ ފުރަތަމަ ވާހަކަ ދައްކަވައިގެން ތިއްބެވި އަބުދޯ ރިޔާޒްއާއި އެބޭފުޅުންގެ މާޒީ ބައްލަވާލައްވާ، އަޅުގަނޑު ކޮންމެހެން އެއްޗެއް ކިޔާދޭކަށެއް ނުޖެހޭނެ. އަޅުގަޑުމެންގެ ޕާޓީ، އަޅުގަޑުމެންގެ ތެރޭގަ ތިބެފަ، އަޅުގަޑުމެން ވަކި ކުރިކަމަކާވެސް ލައިގެނެއް ނޫން. އެބޭފުޅުންގެ އެމްބިޝަންއެއް އޮތީމަ އެކަން ފުރިހަމަ ކުރަންވެގެން ނިކުމެ.. ކޮންމެހެން އަޅުގަޑު ގައިގަ ޖަހާކަށެއް ނުޖެހޭ ދެއްތޯ!

މިއަދު ޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވިއެވެ.

ގާސިމް ތުހުމަތުތަކަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ ގާސިމް އާ ހިސާބަށް ދޮގު މައުލޫމާތު ބަޔަކު ގެނެސްދިނުމަކީ އެމަނިކުފާނަށް ބަޔަކު ދޭ ބޮޑު ގެއްލުމެއް ކަމުގައެވެ.

ނާޒިމް ވިދާޅުވީ ގާސިމަށްވެސް އަދި އެހެންވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް އަދި ނިކަމެތިކަމެއް އޭނާވެސް އަދި އޭނާއަށް ހެޔޮއެދޭ މީހަކުވެސް ނުދޭނެކަމަށާއި، އެފަދަ ވާހަކައެއްވެސް ނުދައްކާނެ ކަމަށެވެ.

 މަނިކުފާނާމެދު އަޅުގަނޑުގެ އިހްސާސަކީ އިހްތިރާމް. އަޅުގަނޑު އަބަދުވެސް މަަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި އިހްލާސްތެރި މަސައްކަތެއް ގައުމަށް ކޮށްދިނުމަށް.

ނާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ގާސިމް ސިޔާސީ މަސްރަހުން ދުރަށް ލާން ނާޒިމްގެ ޕާޓީން މަސައްކަތް ކުރާކަމުގެ ތުހުމަތު ގަސިމް ކުރައްވާފައިވާއިރު، ގާސިމް ވަނީ އެމްއެންޕީވެސް ހިމެނޭގޮތުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޗާގޮސް ޖަލްސާގައި ބައިވެރި ނުވުމަށް ނިންމާފައެވެ. އަދި ގާސިމްވަނީ މި ޖަލްސާގައި ބައިވެރި ނުވުމަށް ޖުމުހޫރީ ޕާޓީގެ އެންމެހާ މެމްބަރުންނަށް އިލްތިމާސްވެސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.