ޗާގޮސް ކޯލިޝަން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރި ނުވުމަށް ޖުމުހޫރީ ޕާޓީގެ މެމްބަރުންނަށް އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް އިލްތިމާސް ކުރެއްވި ނަމަވެސް، ޖުމުހޫރީ ޕާޓީގެ މެމްބަރުން އެ ޖަލްސާގައި ބައިވެރިވާނެކަމަށް ޗާގޮސް ކޯލިޝަނުން ބުނެފިއެވެ.
ޗާގޮސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން އެ ކޯލިޝަންގައި އެމްއެންޕީ ތަމްސީލު ކުރައްވާ އަހުމަދު އުޝާމް ވިދާޅުވީ ޖޭޕީގެ ކައުންސިލުން އެ ފަދަ ނިންމުމެއް ނިންފާއި ނުވާކަމަށެވެ.
މި ކަމުގައި އަޅުގަނޑުމެންނާއެކު ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުން ވެސް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވާ. ދެން ތިބޭފުޅުން އެ ޖަލްސާއަށް ވަޑައިގަތީމަ ފެނިވަޑައިގަންނަވާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ޖުމްހޫރީ ޕާޓީން ރަސްމީ ސިފައެއްގައި މިކަމުގައި ބައިވެރި ނުވި ކަމުގައި ވިޔަސް ޖުމްހޫރީ ޕާޓީގެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތާއީދު އަޅުގަނޑުމެން ކުރިއަށް ގެންދާ ހަރަކާތަށް އެބައޮތް.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވިއެވެ.
ޗާގޮސް ކޯލިޝަނުން ފާއިތުވެދިޔަ ތަނުގައި ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޖޭޕީގެ ފަރާތުން އެޕާޓީގެ މަޖިލިސް މެމްބަރު އަލީ ހުސެއިން ބައިވެރި ވެފައިވެއެވެ. އަދި އޭނާ ވިދާޅުވެފައިވަނީ ޗާގޮސް ކޯލިޝަނުން ކުރިޔަށް ގެންދާ ހަރަކާތްތަކަށް ޖޭޕީގެ ތާއީދު އޮންނާނޭ ކަމުގައެވެ.
އެހެންނަމަވެސް ޖޫންމަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ޗާގޮސް ކޯލިޝަންގެ އެއްވުމުގައި ޖޭޕީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވަނީ ޖޭޕީގެ މެމްބަރުންނަށް އިލްތިމާސް ކޮށްފައެވެ.
ގާސިމް ވިދާޅުވެފައިވަނީ، މިއަދު ބޭއްވުމަށް ތައްޔާރު ވަމުންދާ މި އެއްވުމުގެ ހަގީގީ މަގުސަދަކީ ކޮބައިކަން ޖޭޕީގެ ލީޑަރޝިޕްގެ ބޭފުޅުންނަށް އެނގޭނެކަމުގައެވެ.
ކޮމެންޓު ފޮނުވާ