ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، "ދަ ޑިމޮކްރެޓްސް" ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދަ އަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ޕާޓީ އުފެއްދުމަށް މަދުވެގެން 3000 މީހުންގެ ފޯމު ބޭނުން ވެއެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ރަޖިއްޓްރީއަށް އެދުނީ މެމްބަރުންގެ ސޮޔާއިއެކުގައެވެ. ފޯމުތަކާއި އިލެކްޝަންސްގެ ފަރާތުން ހަވާލުވީ އިލެކްޝަންސް ކޮމިޝަންސްގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާއެވެ.
"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީއަށް ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ފޯމުތަކާއިއެކު އިލެކްޝަންގެ މައި މަރުކަޒު ދަރުބާރުގެއަށް ގޮސްފައެވެ. އިލެކްޝަނަށް ހުށަހެޅީ 3،560 ފޯމާއިއެކު ޕާޓީ ރަޖިސްޓްރީ ކުރުމަށެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުން ހަސަން ވިދާޅުވީ މިއީ އެބޭފުޅުން އުންމީދު ކުރި އަދަދުކަމަށެވެ. އަދި މިއީ ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވި އަދަދަށް ވުމުން ޕާޓީއަށް މެމްބަރުން ވެއްދުމުގެ މަސައްކަތް އަދި ނުކުރާކަމަށް ހަސަން ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެ މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީ ތެރެއިން ގެއްލިފައިވާ ކަމަށެވެ.
އާ ޕާޓީއެއް އުފައްދަނީ، އެމްޑީޕީގެ ފަލްސަފާ އަލުން ކުރިއަރުވަން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެއެވެ. ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ