މުސްތަފާބޭ ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިއެއްގެ ގޮތުގައި އިންނަވައިގެން ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ވެރިންނަށް ހަޑިހުތުރުބަހުން މުޚާޠަބު ކުރުމަށް ހިތްވަރު ތިޔަ ދެއްވަނީ ޒާތީ ރޫހެއްގައިކަން ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގަބޫލުކުރެއެވެ. މާތްވެގެންވާ އިސްލާމް ދީނުގައިވެސް އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވުމަށްވަނީ އަންގަވާފައި ނޫންހެއްޔެވެ.
އެހެންނަމަވެސް މުސްތަފާބޭ ތިޔަ ގެންގުޅުއްވާ ހަމައަކީ، ވަލު ޖަނަވާރުންގެ ތެރޭގައިވެސް ނުގެންގުޅޭ ޒާތުގެ ހަމައެއްކަން މިއަދު މިއޮތީ ކަށަވަރުވެ ޔަގީން ކުރެވިފައެވެ. ސަބަބަކީ އެސޮރުމެންވެސް ކާންދޭ މީހާ ފާހަގަކުރެއެވެ. އެމީހާއަށް އިޙްތިރާމް ކުރެއެވެ. ކާންދެންޏާ އެމީހާ އަތުގައި ދަތެއް ނާޅައެވެ.
މުސްތަފާބޭއެވެ. ވަލުގައި އުޅޭ ތަކެތީގެ ގެ ތެރެއިން އެންމެ އަޑުގަދައީ ހިމާރެވެ. އެންމެ ހުތު އަޑެއް އޮންނަނީވެސް ހިމާރުގައެވެ. މަސްކާން އެންމެ ފަރިތައީ މިނިކާވަގެވެ. އެންމެ ބުއްދިވެރީ ހިޔަޅެވެ. މިއީ، އެސޮރުމެންގެ ކަންތައް ހުރިގޮތެވެ. އެހެންނަމަވެސް، އެސޮރުމެންގެ މިސިފަތައް މިހާރު އިންސީންގެ ކިބައިންވެސް ފެންނާން ފަށާފައިވާކަމަށް މީހުން ހިޔާތީ އިވޭން ފަށައިފިއެވެ. މުސްތަފާބޭ އަނެއްކާ މިއިން ސިފައެއް ނަކަލް ކުރައްވައިގެން އުޅުއްވަނީ ހެއްޔެވެ.
ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް އެއްބައިވަންތަ އެކަކު އަނެކަށް އިޙްތިރާމް ކުރަމުން އައި ބައެއްކަމަށް ދިވެހި ތާރީޚު ހެކިދެއެވެ. ރާއްޖޭގެ ޒަމާންވީ ގަދަތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެންނަން މުސްތަފާބެ ބޭނުންކުރީ ތިޔަ ފަދަ އައިބު ކިޔުންތަކާ މަލާމާތުގެ ބަސްތައް ނޫންތޯއެވެ. އޭރު މުސްތަފާބޭ ހުންނެވީ މަގުމަތީގައެވެ. މީހުންގެ މޫނަށް ކުޅު ޖައްސަވާ، ވެރީންނަށް މައްލަވަކޮށް އޭރު ހެއްދެވީ މަގުތައް މަތީންނާއި ގޯޅި ގޯޅި ކަންމަތީންނެވެ.
އެތައް އަހަރެއް ފަހުން އަނެއްކާވެސް މުސްތަފާބޭ މިހާރު ތިޔަ ވިދާޅުވަނީ އެމާޒީ އަބުރާ ގެންނާން ވީކަމުގައެވެ. ރާއްޖޭގެ ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ނިސްބަތްކޮށް ހުތުރުވީހާ ބަހަކުން މުޚާޠަބު ކުރާން މުސްތަފާބޭ ތިޔަވަނީ ފައްޓަވާފައެވެ. އެހެންނަމަވެސް މިއަދު އެކަން ކުރައްވާން ތިޔަ ފެއްޓެވީ ރާއްޖޭގެ އެންމެ ގަދަރު އުފުލިގެންވާ ގޮޑީގައި އިންނަވައިގެންނެވެ. ރައްޔިތުން ތަމްސީލުކުރައްވާން، ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިއެއްގެ ގޮތުގައި އިންނަވައިގެންވެސް މެއެވެ. މުސްތަފާބޭގެ އިންސާނިއްޔަތުކަމުގެ ސިފައިން ބޭރުވެފައިވާ ސިފަ، އެއް ގިޔަރު މައްޗަށް ޖައްސަވާލެއްވީ ހެއްޔެވެ.
މުސްތަފާބޭއެވެ. ދުނިޔޭގެ ގިނަ ގައުމުތައް ޑިމޮކްރެސީގެ ސަބަބުން ދިޔައީ ކުރިއަރައި ތަރައްޤީވެގެންނެވެ. އެމީހުންގެ އަޚްލާޤްވެސް ރަގަޅެވެ. ދިރިއުޅުމުގެ ފެންވަރު މަތިވެ ތަހްޒީބެވެ. ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް ފުރައްސާރަކޮށް ނަހަދައެވެ. ކުރަނީ އިޙްތިރާމެކެވެ. ދެނީ ގަދަރެވެ.
އެހެންނަމަވެސް ރާއްޖޭގައި މިކަން ހިގަމުން މިދަނީ ދިމާ އިދިކޮޅަށްނޫންތޯއެވެ. ވެރިކަންކުރައްވައިފިނަމަ ޖަލުގޮޅި އެމިހަކަށް ހުއްދަކުރެއެވެ. އެކަން ވާގޮތާމެދު ނުވިސްނަން ހުއްޓަސް ވިސްނެނީ، މިހެންވެއެވެ. މުސްތަފާބޭމެންގެ ނާތަހުޒީބުކަން ހިތަށް އަންނަނީއެވެ. ރަށްރަށަށް އަރާ ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލަނީއެވެ. އެމީހުންނަށް ދައްކަނީ ކޮޗިން ފެރީގެ ވާހަކައާއި، ގޭދޮށު މަސްފެކްޓަރީގެ ވާހަކައެވެ. މިއަދު އެއީ މިސަރުކާރުން ދައްކާ ހުވަފެނެއް ކަމުގައި ސިފަކުރަމުން މުސްތަފާބޭ މި ސަރުކާރަށް ޖޯކު ޖެއްސެވިއެއްކަމަކު، މި ހުވަފެންތަކުގެ ހަގީގީ އާރުކާޓީއަކީ ހަމަ މުސްތަފާބޭކަން ނުދަންނަ ދިވެއްސަކު އުޑު ބަޅުކުރި ހިސާބުގައި އެބަހުރި ހެއްޔެވެ.
މިބާވަތުގެ އެތައްކަމެއްގެ ވާހަކައެކެވެ. އެވާހަކަތައް ދައްކައިގެން މުސްތަފާބޭ ރައްޔިތުން ހައްލުވަނީ އެމީހުންގެ ވޯޓުން ވެރިކަމަށް އަރާ، ވެރިކަން ކުރުމުގެ އެދުންވެރިކަމުގައި އެކަންޏެވެ. މިއީ، މުސްތަފާބޭމެން ގެންގުޅުނު ފަލްސަފާ ނޫންތޯއެވެ.
މުސްތަފާބޭގެ ކަށީގައި ހިފާފައި ހުންނަ ކަމެއްގެ ގޮތުގައި މިހާރު ފާހަގަކުރެވޭ އެއްކަމަކީ، އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވިޔަސް ވެރިކަމުގެ ހުންނަ މީހަކަށް ޖެއްސުން ކުރުމެވެ. މައްލަވަ ކުރުމެވެ. އެކަންކުރަނީ، އަމިއްލަ އެދުމުން ފޯވެގެން ހުރެ ނޫންތޯއެވެ. އޭގެ ޖަޒުބާތުގައި ހޭބުއްދި ފިލައިހުރެ ނޫންތޯއެވެ. އޭގެ ނަތީޖާއަކީ، މިރާއްޖޭގެ އިޖްތިމާޢީ ފޭރާން ފުނޑުފުޑނުވެގެން ދިއުމެވެ. ހުރިހައި ނިކަމެތިކަމެއް ލިބެނީ ރައްޔިތުންނަށެވެ. މުސްތަފަބޭގެ އަމަލުތައް ދިވެހިންހގެ އެތައް ބަޔަކު މިހާރު ނަކަލު ކޮށްފިއެވެ. އެކަންކަން ދިވެހިންގެ ތެރެއިން ބަޔަކު މީހުން ޒީނަތްތެރި ކޮށްފިއެވެ. ވެރިއަކަށް އިޙްތިރާމް ކުރާ ރައްޔިތަކުނެތެވެ. ރައްޔިތަކަށް ތެދުވެރިކަމާއެކު ވެރިކަންކޮށްދޭނެ ވެރިއަކުވެސް ނެތެވެ. ފިހުނު ތަނުން ގެންދަނީ ކަމުން ނޫންތޯއެވެ.
ކުޑަވެސް ޝައްކެއްނެތެވެ. މުސްތަފާބޭމެން ގެނައި މޮޅު ޑިމޮކްރެސީގައި، މުސްތަފާބޭ ބޭނުންވީމައި ހުރި ޕާޓީ ކަމުނުދާ ކަމަށް ހަދައި އެހެން ޕާޓީއެއްވެސް ހަދަންވީއެވެ. ހުރި ވެރިމީހާ ކަމުނުދާ ކަމަށް ހަދައި ވެރިމީހާ ނޫންގޮތެއް ހޯދަން ވަކާލާތު ކުރައްވަނީއެވެ. މިއީ، ހަމަ މިކަން ކުރަންޖެހޭ ގޮތްތޯއެވެ. ޒައީމް އާ ޕާޓީއެއް ހެއްދެވީމާ މުސްތަފާބޭއަށް އެކަންވީ ބޮޑު ޖޯކަކަށެވެ. އޭރު މުސްތަފާބޭ ހުންނެވީ ބަނޑަށް ހޭށެވެ. މިއަދު ޒައީމް ހިންގެވި މަގުން މުސްތަފާބޭއަށް ހިންގަވާން ޖެހުނީއެވެ. ޒައީމް އެހުންނެވީ އެމަންޒަރު ދެކެން ނުލަފާ ހިންޏެއްގައެވެ. ދުނިޔެ ދައްކާ އިބުރަތެވެ. އެހެންނަމަވެސް މުސްތަފާބޭއަށް އިބުރަތެއް ހާސިލް ވިއްޔާތާއެވެ!
މުސްތަފާބެއަކީވެސް ވެރިކަމުގެ ލައްޒަތުގައި އަރާމު ދިރިއުޅުމެއްގައި ބައިތުލްމާލުން ޚަރަދުކޮށްގެން އުޅުއްވާ ބޭފުޅެއް ނޫންތޯއެވެ. އެހެންވީމާ ރައްޔިތުންގެ ނިންމުންތަކަށް އިޙްތިރާމް ކުރައްވައިގެން ހުންނަވަންވީ ނޫންތޯއެވެ. ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ގާބިލްކަން ހުރިނަމަ ވެރިކަމަށް ކުރިމަތިލެވިދާނެއެވެ. އެކަންވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައި ނޫންތޯއެވެ. އޭގައި އެންމެބޮޑު ޝަރުތަކަށްވެސް އޮތީ ބުއްދި ސަލާމަތުން ހުރި މީހަކަވުމުގެ ޝަރުޠެވެ. ބުއްދި ސަލާމަތުން ހުރެއްޖެނަމަ ކުރިމަތިލާންވީ ނޫންތޯއެވެ. ބުއްދި ސަލާމަތުން ހުރިނަމަ މުސްތަފާބޭވެސް ކުރިމަތި ލައްވާށެވެ. އެކަން ފުރިހަމަ ވެއްޖެނަމަ ވެރިކަމަށް ކުރިމަތިލެވޭނެއެވެ. އެކަމަކު އެ އޮންނަ ހުދޫދުގެ ތެރެއިންނެވެ.
އެހެންނަމަވެސް، މުސްތަފާބެ ކަންކަން ހައްލު ކުރެއްވުމަށް ތިޔަ ގެންގުޅުއްވަނީ ދެ ބުޅަލެއްގެ އަރާރުން ހައްލުކުރުމަށް ރާމާ މަކުނު ގެންގުޅު ހަމަ ނޫންތޯއެވެ. މަކުނުވެސް ގެންގުޅުނީ އެސޮރަށް މޮޅުވާނެ ގޮތްތަކެވެ. މަކުނު ގެންގުޅުނީ އިންސާފުން އެއްކިބާވެފައިވާ ނާ އިންސާފު ނޫންތޯއެވެ. ދެބުޅަލުގެ އަރާރަރުންވާ މަންޒަރު މަކުނުއިނީ ބަލާށެވެ. ދެންވާ މައްސަލަ ގޯހުން ގޯހަށް ހިގައިދާނެ ކަމަށް ފެނިގެން މަކުނު އެމައްސަލަ ތެރެއަށް ތަދައްޚުލްވިއެވެ. ދެ ބުޅާ ކައިރީގައި މަކުނު ބުނީ ތިޔަ ޖެހިގެން އުޅޭ މައްސަލަ ހައްލުކޮށްދީފާނެ ކަމަށް ކަމަށެވެ. ދެބުޅާވެސް އެކަމަށް ރުހިއްޖެއެވެ. މަކުނު ގެނައީ ތިލަފަތެކެވެ. އެތިލަފަތުގެ ދެފަރާތަށް މައްސަލަ ޖެހިގެން އުޅޭ ބޯކިބާގެ ދެ ފަޅި ލީއެވެ. މަކުނު ހަދާ ގޮތަކީ، ތިލަފަތުގެ އެއްކޮޅަށް ބަރުވާ އިރަށް އަނެއްކޮޅުން ބޯކިބަލުން ބައެއް ނަގައި ކަނީއެވެ. ދެފަހަރަކު މަކުނު އެގޮތަށް ކައިފިއެވެ. ދެ ބުޅާ ހިތަށް އެރިއެވެ. މިވީ މާ ނުބައިގޮތެއްތާއެވެ. ކުރިން ލިބުނުބައިވެސް ދެން ލިބޭނެހެނެއް ހިއެއްނުވެއެވެ. މަކުނު އިންސާފު ކުރަން ގެނައީ އެއްކޮޅަށް ބަރު ތިލަފަތެއް ކަމެއް ދެ ބުޅަލަކަށް ނޭގެއެވެ. މަކުނުގެ އިންސާފުން ދެބުޅަލަށް ލިބުނީ ހިތާމައާއި މޮޅިވެރިކަމެވެ. ހުރިހާ މޮޅެއް ވީ މަކުނަށެވެ. ވީމާ، މުސްތަފާބޭމެން ތިޔަ ގެންގުޅޭ ހަމަތަކުން ރައްޔިތުންނަށް ލިބޭނީ މާޔޫސްކަމާ ދެރަކަމެވެ. ލިބޭނީ ކޮޅު ކެއްސެވެ. ހުރިހާވެސް މޮޅެއް މުސްތަފާބޭމެންނަކަށް ނޫންތޯއެވެ. އިންސާފު ކޮބައިތޯއެވެ.
މުސްތަފާބޭއެވެ. ރީތިގޮތްތަކާ އަދަބުވެރި ގޮތްތައް ދަސްކުރަން ވެއްޖެނޫންތޯއެވެ. މަކާރިމުލް އަޚްލާޤުން ޒީނަތްތެރިވާން ވެއްޖެނޫންތޯއެވެ. އެހެން މީހުންގެ އިޙްތިރާމާ ލޯތްބާ ގަދަރު ބޭނުން ނުވަނީތޯއެވެ. ބޭނުންވާ ވަނަ، މަޑުމައިތިރިކަމާ ހަމަހިމޭންކަމުން އެކަން ލިބިގަންނާކަށް ނުވޭތޯއެވެ.
މުސްތަފާބޭވެސް މިހާރު ތިޔަދަނީ އުމުރުން ދުވަސް ވަމުންނެވެ. ރާއްޖޭގެ ވެރިކަން ދެ އަހަރާއި ބަޔަށް ނަމަވެސް ކުރައްވައިފީމު ނޫންތޯއެވެ. އޭގެ ސަބަބުން ނުކުތް ނަތީޖާ ރައްޔިތުންނަށް ވަނީ ފެނިފައެވެ. ރައްޔިތުންގެ ކަރުބުޑުގައި ފޮނި ރަހައެއް ނުލިއެވެ. ލީ ހިތި ރަހައެވެ. ރާއްޖެގެ ތާރީޚުގައި އެދުވަސްތައް ވެގެންދިޔައީ ބަނަ ދުވަސްތަކެއްގެ ގޮތުގައިނޫންތޯއެވެ.
މުސްތަފާބޭމެންގެ ޢާންމު އުޞޫލަކީ، ބޭނުން ކަމެއް ކޮންމެ މީހަކަށްވެސް ކުރެވުމެވެ. ޤާނޫނެއް ގަވާއިދެއް ބަލާނެ ކަމެއްނެތެވެ. ކުކުޅެއް ނޮޅާލާހެން ގައުމުވެސް ނޮޅާ ހަންދަމާލަންވީއެވެ. އަނެކުންގެ އަބުރުވެސް ކަތިލާންވީއެވެ. ނެތި މޮށެންވެސް ވީއެވެ. މޫނަށް ކުޅުވެސް ޖަހަންވީމާ ޖަހަންވީއެވެ. މަޖިލިސް ފްލޯގައި ލައިވް ޓީވީގައިވެސް، އެއީ ސިޔާސީ އުޅުތަކަކަށް ހަދައި، އެކަންކަން ކުރިއަރުވާން ވީއެވެ. ޅަދަރީންނަށް އެކަންކަމުން މިސާލުވެސް ދައްކާންވީއެވެ. މުސްތަފާބޭއަށް ވެރިކަމަށް އާދެވޭނެ އެހެން މަގެއް ނުފެނުނީމާ، އެކަންކަން މަނާ ކުރުން އެއީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އެޅިގެންދާ ހުރަހަކަށް ވީއެވެ. އާ ގާނޫނު އަސާސީން ގެނެސްދިން މިނިވަންކަމުގެ ފޮނި މީރުކަން ގެއްލުނީއެވެ. މިއީ މުސްތަފާބޭގެ ޑިމޮކްރަސީ ނޫންތޯއެވެ.
މުސްތަފާބޭއެވެ. އެހެންނަމަވެސް، މުސްތަފާބޭމެންގެ ތިޔަ ސިޔާސަތު ރާއްޖޭގެ ރައްޔިތުން އިރެއްގައި ބަލައިގަތަސް މިހާރަކު ބަލައެއް ނުގަނެއެވެ. މުސްތަފާބޭވެސް މިއަދު ސަފުން ބާކީވެ، އެދުވަސް މާޒީވެ ދިޔައީ، ދިވެހިން ބަލައި ނުގަންނަ މި ސިފަތަކުގައި ބަގުޑި ބައްދަވާން ހައްދަވައިގެންނެވެ. ފަށަން ތިޔައުޅުއްވަނީ އައު ޞަފްހާ އަކުން ވެރިކަން ކުރައްވަން ކަމަށްވާނަމަ، ރީތި އަދަބުވެރި ގޮތްތަކަށް ބޯލަނބާށެވެ. އެއް އިރު 3،000 ހަމަވިނަމަ އަނެއް އިރު 3،000 ހަމަނުވާ ޕާޓީ ހައްދަވައިގެންވެސް، ކޮންމެ ކަމަކީ ކުރާން ޖެހޭ ކަމެއްގެ ގޮތުގައި ނުބައްލަވާށެވެ. މިއީ، މިކަންއޮތް ގޮތްނޫންތޯއެވެ. މިއީ އަޅެފަހެ ދޮގެއްތޯއެވެ.
ކޮމެންޓު ފޮނުވާ