ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވަޒީރަށް ލިބޭ ފުރުސަތު ހަނިވާ ގޮތަކަށް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ. ނަމަވެސް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮތް ސަރުކާރުން ވަނީ އެ މައްސަލަ ކާމިޔާބުވިޔަ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.
މި މަމައްސަލައަށް ޖަވާބުދާރީވުމަށް ބަންޑާރަ ނާއިބަށް 30 މިނެޓުގެ ވަގުތެއް ދެއްވުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމަވާފައެވެ. ނަމަވެސް ބަންޑާރަ ނައިބް ނިންމެވީ ބަހުސްގައި ބައިވެރިވުމަށް މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގެންނެވުމުގެ ބަދަލުގައި ލިޔުމުން ޖަވާބުނ ދެއްވުމަށެވެ.
ބަންޑާރަ ނައިބު ލިޔުމުން ޖަވާބު ދާރީވުމަށް ނިންމި ނިންމުމާއިއެކު މަޖިލިސް ރައީސާއި، މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ އާންމު ކޮމެޓީން ވަގުތު ކަނޑައެޅީ ވަޒީރު މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވާ ގޮތަށް ކަމަށެވެ. ލިޔުމުން ޖަވާބު ދެއްވުމަށް ވަގުތު ކަނޑައަޅާފައި ނުވާކަމަށެވެ.
ނަމަވެސް މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ ޤާނޫނު އަސާސީގެ 110 ވަނަ މާއްދާގެ (ށ)ގެ ދަށުން ވަޒީރަށް ލިޔުމުން ޖަވާބު ދާރީވުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި އުފެދޭ ސުވާލުތަކާއި ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރާއި ވާހަކަ ދައްކަވައިގެން މައްސަލަ ހައްލުކޮށް ކުރިއަށް ދިއުމަށް ވަނީ އެދިފައެވެ.
މިއާއިއެކު މަޖިލިސް ރައީސް ވަނީ ޖަލްސާ މެދު ކަނޑާލައި މަޝްވަރާ ކުރެއްވުމަށް ނިންމަވާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ މިމައްސަލާގައި ޤާނޫނޫ އަސާސީން ވަޒީރަށް ޖަވާބު ދާރީ ވުމަށް އޮތް ފުރުސަތު ހަނިވާގޮތަށް މަޖިލީހުގައި މައްސަކަ ކުރިއަށް ގެންދިއުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.
އަދި މަޖިލީހުން ޢަމަލު ކުރައްވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތީންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ