ހުޅުމާލޭގައި މަގު ހުރަސް ބައްތި ތައާރަފް ކޮށް، ބޭނުންކުރަން ފަށައިފި

ހުޅުމާލޭގައި މަގު ހުރަސް ބައްތި ތައާރަފް ކޮށް، ބޭނުންކުރަން ފަށައިފި

ހުޅުމާލެގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" އިފްތިތާޙްކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މަގުހުރަސް ބައްތިތައް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ.

މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުމެވެ. އަދި މީގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެއެވެ.

މިގޮތުން މިފަހަރު 8 ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާއިރު، އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ މި ތަންތަނަށް އިސްކަން ދެވޭނެއެވެ.

މިރަސްމިއްޔާތުގައިި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިކަމުގައިވީނަމަވެސް، ހުރިހާ އެންމެން މިކަމަށް ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު، ސަލާމަތާއި ރައްކާތެރި ތަނަކަށް މަގުތަކެއް ނުހެދޭނެކަމަށެވެ. އަދި މިކަމުގައި ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބައޮތްކަމަށާއި، މިކަމުގައި ވިސްނުން ބަދަލުކޮށް ސަމާލުކަން އަދިވެސް އިތުރަށް ދާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *