އެމެރިކާގެ ހަގުރާމަމަތީ މަނަވަރު، "ޔޫ އެސްއެސް ބޮންމޭ ރިޗާޑް" ގައި މިއަހަރު ހިގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، މަރާމާތުކޮށް އަލުން ޚިދުމަތަށް ނެރެން ދާޚަރަދު ބޮޑުވުމާއި ގުޅިގެން އެމަނަވަރު، ބާދަގަޑުގެ ގޮތުގައި ނައްތާލުމަށް އެމެރިކާގެ ނޭވީން ނިންމައިފިއެވެ.
ހަގުރާމަމަތީ ވަރުގަދަ މަނަރެއްގެ ގޮތުގައި ފާހަގަވެގެންދިޔަ މިމަނަަވަރުގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް، މިއަހަރުގެ ޖުލައިމަހު ހިގާފައިވަނީ، ކަނޑުގެ ސިފައިން ބޭނުން ކުރާ F-35Bގެ ޖެޓްތަކަށް ބޭނުންކުރެވޭ ވަރަށް އިތުރަށް މަރާމާތުކުރުމަށް އެމެރިކާގެ ސެންޓީއާގޯ ޕޯޓުގައި ބަދަރު ކޮށްފައި އޮއްވައެވެ.
މި އަލިފާނުގެ ހާދިސާއަކީ، އެމެރިކާގެ ނޭވީގެ ފަހުގެ ތާރީޚުގައި ހިގާފައިވާ މިފަދަ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.
އެމެރިކާގެ ނޭވީގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ހަގުރާމަ މަތީ މިމަނަވަރު އަލުން ޚިދުމަތަށް ގެނައުމަށް 2.5 ބިލިއަން ޑޮލަރާއި 3.2 ބިލިއަން ޑޮލަރާއި ދެމެދުގެ ބޮޑު ޚަރަދެއް ހިގާނެއެވެ. އަދި މިކަމަށް 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތެއް ހޭދަވެގެން ދާނެއެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައިވާ މިމަނަވަރު އަލުން މަރާމާތު ކުރާއިރު، މަނަވަރުގެ %60 އަލުން ހަދަން ޖެހިފައިވާ ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން ހާމަ ކޮށްފައިވެއެވެ.
"މަނަވަރަށް ލިބިފައިވާ ގެއްލުންތައް ބަލާ ދިރާސާ ކުރުމަށްފަހު، އައި ތަފާތު ވިސްނުތަކާ އެކުވެސް، އަހަރުމެން އެންމެ ފަހުން ނިންމީ، ކުރަންޖެހޭ ޚަރަދަށް ބަލާއިރު، މި މަނަވަރު އަލުން ޚިދުމަތަށް ނެރޭވަރަށް މަރާމާތު ކުރުމަކީ އެންމެ ފައިދާހުރި ގޮތްކަމުގައި ނުވާނެކަމަށް،" އެމެރިކާގެ ނޭވީގެ ސެކެޓްރީ ކެނެޓް ބްރެއިތްވެއިޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
އެމެރިކާގެ ނޭވީން ވަނީ ޔޫ އެސްއެސް ބޮންމޭ ރިޗާޑް ކަޑުމަތީ ހޮސްޕިޓަލަކަށް ބަދަލުކުރުމާ ގުޅޭގޮތުންވެސް ވިސްނާފައެވެ. އެހެންމަވެސް، މިމަނަވަރު، ހޮސްޕިޓަލް އުޅަދަކަށް ބަދަލު ކުރުމަށް 1 ބިލިއަން ޑޮލަރު މަދުވެގެން ޚަރަދުވާނެ ކަމަށް ހެދި އިވޭލުއޭޝަންތަކުން ވަނީ ދައްކާފައެވެ. މިއީ، މީގެ އުޅަދެއް އަލުން ބަނުމަށްވެސް ދާނެވަރަށްވުރެ ބޮޑު ޚަރަދެކެވެ.
މި މަނަވަރު، ރޫޅާލާ، ބާ ދަގަޑުގެ ގޮތުގައި ނައްތާލުމަށް ދާނެކަމަށް ލަފާ ކުރެވިފައިވާ ޚަރަދަކީ، 30 މިލިއަން ޑޮލަރެވެ. އަދި މިމަސައްކަތަށް ނަގާނެކަމަށް ލަފާ ކުރެވޭ މުއްދަތަކީ 9 މަހާ 12 މަސްދުވަހާ ދެމެދުގެ މުއްދަތެކެވެ.
"އަހަރުމެން މިހާރު ނިންމައިފިން މި މަނަވަރު ރޫޅާލާ ބާ ދަގަޑުގެ ގޮތުގައި ނައްތާލަން" ހޯމަ ދުވަހު ރިޕޯޓަރުންނާއެކު ބޭއްވުނު ކޮންފަރެންސް ކޯލްގައި ނޭވީގެ ރީޖަނަލް މެއިންޓަނަންސް ސެންޓަރުގެ ކޮމާންޑަރު ރެއަރ އެޑްމިރަލް އެރިކް ވާރ ހޭގް ވިދާޅުވެފައި ވެއެވެ.
މި އަހަރުގެ ޖުލައި މަހު ހިގި އަލިފާނުގެ މިހާދިސާގައި، މި މަނަވަރުގައި ރޯވި އަލިފާންގަޑު ނިއްވާލެވުނީ، ހަތަރު ދުވަސްވަންދެން އަލިފާން ނިއްވުމަށް މެދުނުކެޑި ކުރެވުނު މަސައްކަތުންނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިއަލިފާނުގެ ހާދިސާ ހިގަން މެދުވެރިވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރެވުމުންނެވެ. މި އަލިފާނުގެ ހާދިސާއަކީ އެމެރިކާގެ ނޭވީގެ ފަހުގެ ތާރީޚުގައި ހިގި މިފަދަ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.
"ޔޫ އެސްއެސް ބޮންމޭ ރިޗާޑް" އަކީ 1998 އަހަރު ބަދެފައިވާ މަނަވަރެކެވެ. މިއުޅަދު ބަނުމަށް 750 މިލިއަން ޑޮލަރު ޚަރަދު ވެފައި ވެއެވެ. މިއީ މިހާރުގެ އަގުން ބަލާ ނަމަ 1.2 ބިލިއަން ޑޮލަރެވެ.
އެެމެރިކާގެ އަސްކަރިއްޔާއިން މިހާރުވަނީ، މި ފެންވަރުގެ މަނަވަރުތައް ބަނުން ހުއްޓާލާފައެވެ. އަދި މީގެ ބަދަލުގައި އަސްކަރިއްޔާއިން މިހާރު ބަންނަނީ މިއަށްވުރެ ފެންވަރުގެ ގޮތުން ކުރިއަރާފައިވާ މަނަވަރުތަކެވެ.
މިގޮތުން މިހާރު އެމެރިކާގެ އަސްކަރިއްޔާއަށް ބަންނަ، އާ ޖީލުގެ ހަގުރާމަމަތީ މަނަވަރަކަށް 4.1 ބިލިއަން ޑޮލަރު ހޭދަވެއެވެ.
އެމެރިކާގެ އަސްކަރީ މަނަވަރުތަކަކީ، އެމެރިކާގެ ކަޑުގެ ސިފައިންގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ހަރަކާތްތެރިވާ އުޅަދުތަކެވެ. މި އުޅަދުތަކަށް، ކަޑުގެ ސިފައިން ބޭނުން ކުރާ ހެލިކޮޕްޓަރ ތަކާއި، ފައިޓަރ ޖެޓްތައްވެސް އުފުލުމުގެ ގާބިލްކަން ލިބިފައި ވެއެވެ.