ސައުދީގެ އޮފިޝަލުންނާއި އަދި އެމެރިކާގެ ރައީސް ޓްރަމްޕްގެ އެޑްވައިޒަރު އަދި ދަނބި ދަރިކަލުން ޖެރާޑް ކުޝްނާއާއި ދެމެދު ބޭއްވުނު ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ދަތުރުކުރާ އިޒްރޭލުގެ މަތިދާ ބޯޓުތަކަށް ސައުދީ އަރަބިއާގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިވާކަމަށް، އިޒްރޭލުގެ މީޑިއާތަކުންނާއި އަދި ރޮއިޓާސްއިން މައުލޫމާތު ދީފިއެވެ.
ޖެރާޑް ކުޝްނާއާއި އަދި އެމެރިކާއިން މެދުއިރުމަށްޗަށް ކަޑައަޅާފައިވާ މަންދޫބުން ކަމުގައިވާ އަވީ ބޮކްވިޒްއާއި ބްރިއަން ހޫކް، ވޭތުވެދިޔަ ހަފްތާގައި ސައުދީ އަރަބިއާއަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގައި އިޒްރޭލުގެ އެއަރލައިންތަަކަށް ސައުދީ ވައިގެ ސަރަހަދު ބޭނުން ކުރުމުގެ ހުއްދަ ހޯދުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައި ވެއެވެ.
"އަހަރުމެންނަށް ވަނީ މިމައްސައާއި ގުޅިގެން ހައްލު ހޯދިފަ،" ޓްރަމްޕް ސަރުކާރުގެ ކަމާގުޅޭ އޮފްޝަލުން ރޮއިޓާސްއަށް މަޢުލޫމާތު ދެމުން ހޯމަދުވަހު ވިދާޅުވެފައި ވެއެވެ.
އިޒްރޭލުގެ އައަރލައިންތަކުން ސައުދީ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުން އެއްބަސްވެފައި މިވަނީ، އިޒްރޭލުގެ ކޮމާޝަލް އެއަރލައިނުގެ ފުރަތަމަ ދަތުރު އަންގާރަ ދުވަހު ހެދުނު ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނިކޮށެވެ.
އިޒްރޭލުގެ އެއަރލައިންތަކަށް، ސައުދީ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ލިބިގެން މިދިޔައީ، މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، އިސްރާ އެއަރގެ މި ދަތުރު ކެންސަލް ކުރަންޖެހިދާނެ ކަމަށް ކުރިން ގަބޫލު ކުރެވިފައި ވަނިކޮށެވެ.
ޔޫއޭއީއާ އަދި އެނޫން ބައެއް އަރަބި ގައުމުތަކާ ދެމެދު ކުރެވޭ މިދަތުރުތަކަކީ، އަރަބި ބައެއް ގައުމުތައް ކަމަށްވާ، ޔުނައިޓެޑް އަރަބި އެމިރޭޓްސްއާ، ބަހުރެއިން އަދި ސޫދާނާއެކު މިއަހަރު ވެވުނު ގުޅުން ގާއިމްކުރުމުގެ އެބަސްވުމުގެ ނަތީޖާއެއްގެ ގޮތުން ފެށި ދަތުރުތަކެކެވެ.
އިޒްރޭލާއެކީ މިވެވުނު ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއިން ވަނީ، އެގައުމުގެ ހަގުރާމަ މަތީ ފައިޓަރ ޖެޓްތައް ޔޫއޭއީއަށް ވިއްކުމަށް އެއްބަސް ވެފައެވެ. މީގެ ތެރޭގައި އެމެރިކާއިން އުފައްދާފައިވާ ހަގުރާމަ މަތީ އެއްމެ ފަހުގެ ވައިގެ އުޅަދުތައްވެސް ހިމެނެއެވެ.
"ސައުދީއާއެކީ އެއްބަސްވުމަކަށް އާދެވުމުގެ ނަތީޖާއެއްގެ ގޮތުން، އިޒްރޭލުން ޔޫއޭއީއަށް އަދި ބަހުރެއިންނަށް މީހުން އުފުލުމުގައި އިޒްރޭލުގެ އެއަރލައިންތަކަށް ކުރިމަތި ވަމުންއައި ހުރިހާ މައްސަލައެއް ހަައްލު ވެގެންދާނެ،" އެމެރިކާގެ އޮފިޝަލުން ރޮއިޓާސްއަށް މިއުލޫމާތުދެމުން ވިދާޅުވެފައި ވެއެވެ.
ފާއިތުވެދިޔަ ހަފްތާގައި ކުޝްނަރ ވަނީ، ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން އަލް ތާނީ އާއި، ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާއި އަދި ކުވައިތުގެ އަމީރާއި ބައްދަލު ކުރާގޮތަށް ހަމަޖެހިފައެވެ.
ކުޝްނާގެ މި ދަތުރުގެ މައިގަޑު މަގްސަދަކީ، ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ ގައުމުތަކުން 3 އަހަރުވަންދެން ގަތަރު ބޮއިކޮޓް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމެވެ.
މިގައުމުތަކުން ދޯހާއާއި ގުޅުން ކަޑާލާފައިވަނީ، ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭކަމަށް ތުހުމަތު ކޮށްފައެވެ.
އެހެންނަމަވެސް ގަތަރުންވަނީ މިތުހުމަތުތަކަށް ދޮގު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ