ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދަނީ ވޯޓުން ބަލި ނުކުރެވޭނެކަން ޔަގީންވާތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޗާގޯސް މައްސަލާގައި ރައީސް ޞާލިހު ޤާނޫނު އަސާސީއާއި ޚިލާފް ވެފައިވާކަމަށް ބުނެ ރައީސް ސާލިހުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިހަށް ވެއްދުމަށް ޤަރާރެއް ތައްޔާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ޤަރާރުގައި ސަރުކާރާއި އިދިކޮޅު ގިނަ މެމްބަރުންތަކެއް ސޮއި ކުރަމުންދާއިރު، ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުން އުފެއްދުމަށް މިހާރު މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ވަނީ ސޮއިކޮށްފައެވެ.
މެމްބަރު އިކްރާމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް 100 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް ރައީސް ޞާލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް އޮވެގެން ނޫންކަމަށެވެ. މަޖިލީހަށް މިފަދަ މައްސަލައެއް ވައްދަނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓަކުން ރައީސް ޞާލިހު ބަލި ނުކުރެވޭނެތީކަމަށް އިކްރާމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓަށް 100 ދުވަހަށް ވެފައި އޮއްވާ ރައީސް ޞާލިހުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމަށް އިދިކޮޅުން ސޮއި ހޯދާނީ ވޯޓުން ބަލިނުކުރެވޭނެ ކަމުގެ ޔަގީންކަން އޮތީމަ.
– އިކްރާމް ވިދާޅުވިއެވެ.
ދެކުނުގެ ކަނޑުގެ އިމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ރާއްޖޭގެ ކަނޑުން ބައެއް، ސަރުކާރުން ވިއްކާލީކަމަށެވެ. އަދި ރާއްޖެއަށް ބޮޑު ގެއްލުމެއްވާގޮތަށް މިކަން ނިންމެވީ ސީދާ ރައީސް ޞާލިޙު ވެވަޑައިގެންނެވި އިހުމާލެއްގެ ސަބަބުންކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.
މިމައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވެސް އިދިކޮޅުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޚާރިޖީ ވަޒީރު ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ.
މިމައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޙަރަކާތުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.
ރައީސުލްޖުުހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ވައްދާ ގަރާރުގައި މިހާރުގެ މަޖިލިހުހެ 29 މެމްބަރުން (1/3 މެމްބަރުން) ސޮއި ކުރަން ޖެހެއެވެ. އެއަށްފަހު މަޖިލިހުގައި އެ ގަރާރަށް ބަހުސް ކުރުމަށްފަހު، މަސައްލަ ކުރިޔަށް ގެންދިއުމަށް ފާސްވާނީ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޢުލަބިއްޔަތު ވޯޓު ދީފި ނަމައެވެ. އެއަށްފަހު ނެގޭ 11 މެމްބަރުންގެ ކޮމިޓީއަކުން މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލިހަށް ހުށަހަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ރައީސަށް އިތުބާރު ނެތްކަމަށް ފާސްވާނީ މުޅި މަޖިލީހުގެ 2/3 މެމްބަރުން (58 މެމްބަރުން) ރައީސަށް އިތުބާރު ނެތްކަމަށް ވޯޓު ދީފިނަމައެވެ.
One Response
ައްދަދަދަދ ވައްދާ ދިރުންނެރެލާނެ