މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ގުރައިދުއާއި މަޑިފުށި އަދި ލ. ފޮނަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންތަކުގެ ތެރެއިން މި މަހު 20 ވަނަ ދުވަހު ގުރައިދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 45 އަހަރުގެ މީހަކު އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
އޭގެ އިތުރުން މަޑިފުށީގައި ހިންގި އޮޕަރޭޝަނަކީވެސް އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމުގައި ފުލުހުން ބުނެފައި ވެއެވެ. މި މަހު 20 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި 19 އަހަރުގެ މީހަކު އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ފޮނަދޫގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި އެރަށު ތިން ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 86 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވެއެވެ.
މި މައްސަލަ އާ ގުޅިގެން 22 އަހަރުގެ މީހަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަތައް ދަނީ ތަހުގީގު ކުރަމުން ދާކަމުގައެވެ.
One Response
ޚޯޓަށް ދިއުމާ ދޫކޮއްލުން