ރައީސް ސާލިހުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިހަށް ވެއްދުމަށް ތައްޔާރު ކުރެއްވުމުންދާ ގަރާރުގައި، ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުން އުފެއްދުމަށް މިހާރު މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެމްބަރުން ސޮއި ކޮށްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް، މިކަމާއި ގުޅުންހުރި އިސް ބޭފުޅަކު "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި، ދަ ޑިމޮކްރޭޓްސްގެ ހުރިހާ މެމްބަރުން ސޮއި ކޮށްފައިވި ނަމަވެސް އޭގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މި ގަރާރުގައި މިހާރު 20 މެމްބަރުން ސޮއި ކޮށްފައިވާކަމަށްވެސް މައުލުމާތު ލިބިފައި ވެއެވެ.
ރައީސްގެ ނޯ ކޮންފިޑެންސް ގަރާރުގައި ސޮއި ކޮށްފައިވާކަމަށް އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ވަނީ ވިދާޅުވެފައެވެ. ކްލަބް ހައުސްގައި އެމްއެންޕީން ކުރިއަށްގެންދާ "ނާޒިމް ބުނީ ކީކޭ؟"ގެ ސެޝަންގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އިމުގެ މައްސަލާގައި ރައީސް ޞާލިޙްވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައި ނެތް ބާރެއް ބޭނުންކުރައްވާފައި ކަމުގައެވެ. އިތުބާރު ނެތްކަމުގެ ވޯޓުނަގައި ރައީސް ޞާލިޙް އަޒުލުކުރަން ސޮއިކުރެއްވީ މިސަބަބާހެދިކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ.
ދެކުނުގެ ކަނޑުގެ އިމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ ރާއްޖޭގެ ކަނޑުން ބައެއް، ސަރުކާރުން ވިއްކާލީކަމަށެވެ. އަދި ރާއްޖެއަށް ބޮޑު ގެއްލުމެއްވާގޮތަށް މިކަން ނިންމެވީ ސީދާ ރައީސް ޞާލިޙު ވެވަޑައިގެންނެވި އިހުމާލެއްގެ ސަބަބުންކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.
މިމައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވެސް އިދިކޮޅުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ.
މިމައްސަލާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޙަރަކާތުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.
ރައީސުލްޖުުހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ވައްދާ ގަރާރުގައި މިހާރުގެ މަޖިލިހުހެ 29 މެމްބަރުން (1/3 މެމްބަރުން) ސޮއި ކުރަން ޖެހެއެވެ. އެއަށްފަހު މަޖިލިހުގައި އެ ގަރާރަށް ބަހުސް ކުރުމަށްފަހު، މަސައްލަ ކުރިޔަށް ގެންދިއުމަށް ފާސްވާނީ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޢުލަބިއްޔަތު ވޯޓު ދީފި ނަމައެވެ. އެއަށްފަހު ނެގޭ 11 މެމްބަރުންގެ ކޮމިޓީއަކުން މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލިހަށް ހުށަހަޅާ ރިޕޯޓަށް ބަހުސް ކުރުމަށް ރައީސަށް އިތުބާރު ނެތްކަމަށް ފާސްވާނީ މުޅި މަޖިލީހުގެ 2/3 މެމްބަރުން (58 މެމްބަރުން) ރައީސަށް އިތުބާރު ނެތްކަމަށް ވޯޓު ދީފިނަމައެވެ.