ފިކުރެއްގެ ދިރުން ސިޔާސީ ޕާޓީ އުފެއްދުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ، އެމްޑީޕީގެ ރައީސް މުހައްމަަދު ނަޝީދު މިއަދު ދިއްދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ނަޝީދު މިއަދު ދިއްދުއަށް ވަޑައިގަންނަވަނީ ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. ނަޝީދު ދިއްދުއަށް ވަޑައިގަންނަވާނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
ނަޝީދު ދިއްދުއަށް ވަޑައިގަންނަވާއިރު، ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަމުންނެވެ. އަދި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެކަމަށްވެސް ފިކުރެއްގެ ދިރުމުން ވަނީ ބުނެފައެވެ.
ފިކުރެއްގެ ދިރުމުން ބުނެފައިވަނީ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މިއަދު ރަސްމީކޮށް އީސީއަށް ހުށަހަޅާނެކަމަށާ، އެއާއު ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެކަމަށެވެ. އަދި އައު ޕާޓީ ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެބޮޑު އެއް ޕާޓީއަށްކަމަށާ، ދާދި އަވަހަށް ޕާޓީ އުފެދި ޕާޓީގެ ސިޔާސީ ޙަރަކާތްތައް ފެށީގެންދާނެކަމަށް އެފަރާތުން ބުނެއެވެ. އަދި އަންނަ ރިޔާސީ އިންތިޚާބަށް އެޕާޓީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެކަމަށްވެސް ފިކުރެއްގެ ދިރުމުން ބުނެއެވެ. އައު ޕާޓީއަށް ނަމަކާއި ކުލައެއް ހުށަހަޅަން މިހާރު އެ ޙަރަކާތުން ވަނީ ހުޅުވާލާފައެވެ.
އެންމެފަނުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާއެކު ޕާޓީއާ މުޅިންވަކިން ނަޝީދު ހިންގަވަމުން ގެންދިޔަ ސިޔާސީ ޙަރަކާތް "ފިކުރެއްގެ ދިރުން" މިހާރުވަނީ މުޅިން އެޕާޓީއާ ވަކިވެ ވަކި ޙަރަކާތަކަށް ވެފައެވެ. ފިކުރެއްގެ ދިރުން މިނަމަކީ ނަޝީދުގެ ޕްރައިމެރީ ޝިއާރެއްގެގޮތުގައި ބޭނުންކުރަން ފެށި ނަމެކެވެ. ނާކާމިޔާބީއަށްފަހުވެސް މިނަމުގައި ގެންދެވީ ދެކޮޅުވެރިކަމުގެ ޙަރަކާތް ހިންގަވަމުންނެވެ. އެންމެފަހުން އެ ފެންޝަނުގެ މެމްބަރުން އިސްވެ ސަރުކާރުގެ ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު އެމްޑީޕީންވަނީ ފިޔަވަޅު އަޅާފައެވެ.
މިފިޔަވަޅުތަކުގެ ތެރެއިން ނަޝީދުގެ ފެކްޝަނުގައި ހިމެނޭ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް އެމްޑީޕީން ވަކިކުރިއެވެ. އެއާއެކު މަޖިލީހުގައި ހިމެނޭ ނަޝީދު ފެކްޝަނަށް ނިސްބަތްވާ އިތުރު 12 މެމްބަފރަކު އަމިއްލަފުޅަށް އެމްޑީޕީން ވަކިވެ އައު ޕާޓީއެއް އުފައްދާނެކަން ޢިއުލާންކުރިއެވެ. ވަކިވި 12 މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އިވާ ޢަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންނަމަވެސް ނަޝީދު އެމްޑީޕީން އަދި ވަތްކެއް ނުވެއެވެ.