ދައުލަތުން އެއްބަސްވުން ހަދަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް: ޑރ.ޖަމީލް

ދައުލަތުން އެއްބަސްވުން ހަދަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
01 ޑިސެމްބަރ 2020 01:38
0

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތަކާއެކު ދައުލަތުން އެއްބަސްވުން އެކުލަވާލާ ޖަލުހުކުމުގެ އަދަބު ލުއިކޮށް ގޭގައި ތިބޭގޮތަށް ހަދަނީ، ޙީލަތްތެރި ގޮތެއްގައި، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށްކަމަށް ރައީސް ޔާމިންގެ ފުރަތަމަ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ތުހުމަތުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމްގައިވެސް އިސްކޮށް ހިމެނިވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލަށް ގެއްލުންދިން ބަޔަކަށް އެފަދަ ބޮޑެތި ލުއިތަކެއް ދިނުމަކީ ބޮޑު ގޯހެއްކަމަށާއި، އިންޞާފު ޤާއިމްކުރަން ނޫޅޭކަން އެކަންކަމުން ޔަޤީންވާކަމަށެވެ. އަދި ނަމެއްގައި ދަޢުވާ އުފުލައި ހުކުމްކުރާއިރު، ޖަލު ހުކުމް ހޭދަކުރަނީ ކޮންތަނެއްގައިކަން އެނގެންޖެހޭކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއެކު ޕީޖީ އޮފީހުން ހެދި އެއްބަސްވުމާއެކު އަދީބު ވަނީ އެމްއެމްޕީއާރސީގެ ޚިޔާތުގެ ތުހުމަތުތަކަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އޭނާގެ މައްޗަށް ކުށްސާބިތުވެ އިއްވާފައިވާ 20 އަހަރު ދުވަހުގެ ޖަލުހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ. އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއެކުވެސް ޕީޖީ އޮފީހުން ހަދާފައިވާ އެއްބަސްވުމާއެކު ކުށަށް އިޢުތިރާފްވުމުން އޭނާގެ މައްޗަށް އަންނާނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މިމަހު ހުކުމް އިއްވުމަށް ހަމަޖެހިފައިވާއިރު، މިހާރުވެސް އޭނާގެ މައްޗަށް ކުރިން ސާބިތުވި ހުކުމް ތަންފީޒްކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ޑރ.ޖަމީލް ވިދާޅުވީ، މިއީ ޙީލަތްތެރި ގޮތެއްގައި، ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް އުފެއްދުމަށް ކުރާ ކަމެއްކަމަށާއި، ޖިނާޢީ ޢަދުލުގެ ނިޒާމު ކިލަނބުވެ އިތުބާރު ގެއްލިފައިވާ މިންވަރު އަދީބާއި ޒިޔަތުގެ ޝަރީޢަތްތަކުން ހާމަވެގެން ހިނގައްޖެކަމަށެވެ.

ޑރ.ޖަމީލް މިހެން ވިދާލުވެފައިވާއިރު، ދައުކަތުން އަދީބާއި ޒިޔަތާ އެކު އެއްބަސްވުން ހަދާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ޖެހުނުކަމަށް ތުހުމަތުކުރާ ބައެއް މީހުން މިސަރުކާރުގެ މަޤާމުތަކުގައ ތިބިއިރު، އެމީހުންގެ ނަންތައް ހާމަނުކުރުމަށް ޝަރުތުކޮށްކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް ސާބިތުވެފައިވާ ޒިޔަތާއި އަދީބު ގެއަށް ބަދަލުކޮށްފައިވާއިރު، އެމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ޙުކުމާއި ގުޅިގެން އެމަނިކުފާޏު ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒްކުރައްވަމުންނެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.