ރާސްތާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު ނިޔާވެއްޖެ

ރާސްތާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
01 ޑިސެމްބަރ 2020 12:59
0

ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ ނިޔާވެއްޖެއެވެ.

ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ގދ.ތިނަދޫ "ރާސްތާ" ދޯނީގެ4 ފަޅުވެރިއަކު ފިހުނެވެ. މިހާދިސާ ހިގާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިޙާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާގެ ހަށިގަނޑުގެ %50 ފިހިފައިވާކަމަށް މަޢޫލޫމާތު ލިބިފައިވެއެވެ.

މިޙާދިސާގައި ފިހުނު އެންމެނަށް ފަރުވާދީފައިވަނީ ގދ.ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. ނަމަވެސް އެންމެ ބޮޑަށް ފިހުނު މީހާގެ ޙާލު ސީރިއަސްވެގެން އޭނާ މާލެ ގެނެސް ފަރުވާދެމުން އައިސްފައިވަނީ އައިޖީއެމްއެޗްގައެވެ. އައިޖީއެމްއެޗުން ބުނީ ތިނަދޫއިން އިތުރު ފަރުވާއަށް ގެނައި އެމީހާ އެހޮސްޕިޓަލަށް ގެނައއިރުވެސް ވަނީ ވެންޓިލޭޓަރަށް ލާފައިކަމަށާއި، އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާދެމުން އައިސްފައިވަނީ އައިސީޔޫގައިކަމަށެވެ. ޢުމުރުން 41 އަހަރުގެ އެމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 08:35 ހާއިރުއެވެ.

ރާސްތާ ދޯނީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގޭސްލީކުވެފައި ވަނިކޮށް އުދުން ރޯކުރަން އުޅުމުންކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މިޙާދިސާ ހިނގާފައިވަނީ އެދޯނި މަހަށް ފުރަން ތައްޔާރުވެފައިވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.