ރައީސްގެ ސިޓީފުޅުގައި ޗައިނާގެ ނަން ނުބައިކޮށް ބޭނުން ކުރެވިގެން މާފަށް އެދިއްޖެ

ރައީސްގެ ސިޓީފުޅުގައި ޗައިނާގެ ނަން ނުބައިކޮށް ބޭނުން ކުރެވިގެން މާފަށް އެދިއްޖެ

ގުޅުންހުރި

ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ހ. ފިލިގަސްދޮށުގޭ ހުދާ އަލީ ޝަރީފު ހަމަޖައްސަވާ ދެއްވުމަށް އެދި ރައީސް ސާލިހު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީ ފުޅުގައި ޗައިނާގެ ނަން ނުބައިކޮށް ބޭނުން ކުރެވިގެން، ފޮރިން މިނިސްޓްރީން ޗައިނާ އެމްބަސީގައި މާފަށް އެދިއްޖެއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނިއްވި ސިޓީފުޅުގައި "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ"ގެ ބަދަލުގައި "ރިޕަބްލިކް އޮފް ޗައިނާ" ބޭނުން ކުރެވިފައިވާ ސަބަބުން ސާފުކޮށް ދީފައިވާ ކަމަށާއި، އަދި އެގޮތަށް ޗައިނާގެ ނަން ބޭނުން ކުރެވިފައިވާތީ މާފަށް އެދިފައިވާ ކަމުގައެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ރައީސްގެ ސިޓީފުޅުގައި ސަފީރަކު އައްޔަން ކުރައްވަނީ "ރިޕަބްލިކް އޮފް ޗައިނާ"އަށް ކަމަށް ވިދާޅުވެވިފައިވި ނަމަވެސް، "އެއް ޗައިނާ" ސިޔާސަތަށް ރާއްޖެއިން ފާއިތުވެދިޔަ ތަނުގައިވެސް ކުރަމުން އަންނަ ތާއީދު އަދިވެސް އެގޮތުގައި ދެމި އޮންނާނޭކަމުގެ ޔަގީންކަން އަރުވާފައިވާ ކަމުގައެވެ.

"ރިޕަބްލިކް އޮފް ޗައިނާ" އާއި "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ"އަކީ ތާރީޚީ ގޮތުން އެއް ގައުމެކެވެ. އެހެންނަމަވެސް 1949 ވަނަ އަހަރުގެ ޗައިނާގެ އަހުލީ ހަނގުރާމަ ނިމި ދިއުމަށްފަހު ކޮމިއުނިސްޓް ޕާޓީގެ ބާރުގެ ދަށަށް ޗައިނާގެ މެއިންލޭންޑް އައުމަށްފަހު އެޕާޓީން ކޮމިއުނިސްް ވެރިކަމެއް އުފެއްދީ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ"ގެ ނަމުގައެވެ. "ރިޕަބްލިކް އޮފް ޗައިނާ" ބަދަލުވީ ޓައިވާންއަށެވެ.

މިގޮތުން "ރިޕަބްލިކް އޮފް ޗައިނާ"އަކީ ޗައިނާގެ މެއިންލޭންޑްގެ އައްސޭރިފަށުގައި އޮންނަ އަމިއްލަ އަށް ވެރިކަން ކުރާ ޖަޒީރާ ގައުމެއް ކަމަށްވާ، މިހާރުގެ ޓައިވާނެވެ. "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ"އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ވެރިކަން ކުރާ ކޮމިއުނިސްޓް ޗައިނާ އެވެ. އެއީ މިހާރު ޗައިނާގެ ނަމުން މުޚާތަބް ކުރެވޭ ގައުމެވެ.

1940 ގެ އަހަރުތަކުގައި ޗައިނާގެ ދާހިލީ ހަނގުރާމައަށްފަހު މި ދެ ގައުމު އޮތީ ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ދެކޮޅުވެރިކަމުގެ ތެރޭގައެވެ. އެހެންނަމަވެސް ޗައިނާއިން ދެކެމުންދަނީ ޓައިވާންއަކީ ދެބަސްވުމެއް ނެތް، އެގައުމުގެ ބައެއްގެ ގޮތުގައެވެ. އަދި ޓައިވާންއިން މިނިވަންކަން އިއުލާން ކޮށްފިނަމަ އަސްކަރީ ބާރުގެ ބޭނުންކޮށް އެގައުމު ހިފާނެކަމުގެ އިންޒާރު ޗައިނާއިން އަބަދުވެސް އަންނަނީ ދެމުންނެވެ.

ޗައިނާގެ ގޮތުގައި މުޚާތަބްކުރެވޭ "ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ"އާއި ރާއްޖޭގެ ސިޔާސީ ގުޅުން އޮތް ނަމަވެސް ޓައިވާން (ރިޕަބްލިކް އޮފް ޗައިނާ)އާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމް ކޮށްފައެއް ނުވެއެވެ. އެހެންކަމުން އެގައުމަށް ރާއްޖެއިން ސަފީރަކު އައްޔަން ކޮށްފައެއް ނުހުރެއެވެ.

އަދި ރާއްޖެއިންވެސް ދަމަހައްޓަމުންދާ ސިޔާސަތަކީ ޓައިވާންއަކީ ޗައިނާގެ ބައެއް ކަމުގައި ދުށުމެވެ. އެއީ "ވަން-ޗައިނާ" ސިޔާސަތު ރާއްޖެއިން ބަލައިގަންނާތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ