އެރިޓްރިއާގައި ދިވެހި އަދި މިސްރު ފަޅުވެރިންނާއެކު އެފްއެސްއެމް އާއި ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ދެ ބޯޓެއް ހިފެހެއްޓި މައްސަލަ ފޮރިން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ ބޯޓުތައް އެރިޓްރިއާގައި ހިފެހެއްޓީ، ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެ ގަައުމަށް ބަނދަރު ކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބަލައިފަ އެވެ. އެ ބޯޓުތައް ފަޅުވެރިންނާއެކު ތާށިވެފައި އޮންނަތާ މިހާރު ވަނީ ތިން ހަފްތާއަށްވުރެ ގިނަ ދުވަސްވެފަ އެވެ.
ބޯޓުތައް އެޓްރިއާގައި ތާށިވެފައި އޮންނަ ވާހަކަ މި ނޫހުގައި ފުރަތަމަ ރިޕޯޓު ކުރިތާ ދެ ދުވަސް ފަހުން ފޮރިން މިނިސްޓްރީން ބުނީ އެ ބޯޓުތައް ހިފެހެއްޓިކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެރިޓްރިއާގައި ތިބި ދިވެހި ފަޅުވެރިންނަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީގެ އޮފިޝަލަކު ވަރަށް އަވަހަށް އެރިޓްރިއާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ, ބޭރު ގައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކުން އެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާގެ ސަރުކާރާ ވާހަކަ ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން, މިކަމާ ގުޅޭ އިތުރު މައުލޫމާތާއި އެތަނުގައި ތިބި ދިވެހި ފަޅުވެރިންގެ ހަލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
"މިގޮތުން، ނިއު ޔޯކުގައި ހުންނަ އެރިޓްރިއާގެ ދާއިމީ މިޝަނާއި ރާއްޖޭގެ ދާއިމީ މިޝަނުން ދަނީ މިމައްސަލަ އަށް އަވަސް ހައްލެއް ހޯދޭތޯ ބަލަމުން،" ފޮރިން މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން, އިންޑިއާގެ ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވެސް އެރިޓްރިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.