ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކަކަށް ފިޔަވަޅު އަޅައި ޕާޓީން ކަނޑާލަން އުޅެނީ އެމްޑީޕީން އަމަލުކުރަން އޮންނަ އަސާސީ ގަަވައިދާ މުޅިން ޚިލާފަށް ކަމަށް ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ވެސް އަސާސީ ގަވާއިދާ މުޅިން ޚިލާފަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ސެކްރެޓޭރިއެޓަށް ފޮނުވައިފަ އެވެ. މި މައްސަލާގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި މެމްބަރުން އިއްތިފާގުވީ ހުށަހެޅި މައްސަލައަށް ބަލާއިރު އާޒިމް "ވަކިވެފައިވާ" ކަމަށާއި ވަކިކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.
އެކަން ތަންފީޒުކުރަން ޕާޓީގެ ސެކްރެޓޭރިއެޓަށް އަންގަން ނިންމާފައި ވަނިކޮށް، އެކަން ހިނގުމުގެ ކުރިން މީޑިއާތަކަށް ވަނީ އާއްމުވެފަ އެވެ. އޭރު އާޒިމަށް ވެސް އޭނާ ވަކިވި ކަމެއް އަދި މައްސަލަ ކޮމިޓީން ބެލި ކަމެއް ވެސް ނާންގަ އެވެ.
އާޒިމަށް ފިޔަވަޅު އަޅައިދޭން އެދުނީ، ޗާގޮސް މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ތާއީދު ކުރައްވައި ސޮއި ކުރެއްވުމުންނެވެ. އޭނާގެ އިތުރުން ވިޕްލައިނާ ޚިލާފުވި ހަތަރު މެމްބަރެއްގެ މައްސަލަ ވެސް ޕާލަމެންޓްރީ ގްރޫޕުން އޮތީ ފެންމަތިކޮށްފަ އެވެ.
ނަޝީދާ އެކު ތިއްބެވި މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އަޅަން އުޅޭ މައްސަލާގައި އެމަނިކުފާނު ވިދާޅުވީ ކަންކަން ހިންގަނީ އަސާސީ ގަވާއިދާއި ޕާޓީގެ އޮންނަ އިޖުރާއާތުތަކާ ވެސް މުޅިން ޚިލާފަށް ކަމަށެވެ. މިއީ ވަރަށް ދެރަކޮށް ހިންގާ އަމަލުތަކެއް ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ ބައްދަލުވާން ވެސް އޮންނަނީ، ބައްދަލުވެވެން ވެސް އޮންނަނީ އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ނައިބު ރައީސް
(މުހައްމަދު ޝިފާޒް) އެ ކޮމިޓީގެ ބައްދަލުވުން ބާއްވަން އެދިވަޑައިގަތީމައިކަމަށާއި އެއީ އެހެން މީހުންނަކަށް އޮންނަ އިހްތިޔާރެއް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ.
ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގައި ޝިފާޒްގެ އެއްވެސް ދައުރެއް ނެތް އިރު އެކަން ހިނގީ އޭނާއަށް އެނގިވަޑައިގެން ވެސް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރަކީ ޝިފާޒެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކަކާ މެދު ފިޔަވަޅު އަޅާނެ ކަަމަށް ބުނަމުންދާތީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެކަން އޮޅުންފިލުއްވެވިކަމަށް ވިދާޅުވިއެވެ. ޕާޓީގެ ކަންކަން ހިނގަން ލިޔެވި އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން އެއްވެސް ކަމެއް ކުރިއަށް ނުދާކަން އަދި ނައިބު ރައީސަށް ވެސް އަންގާފައި ނުވާ ކަން އެނގިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ވެސް ގްރޫޕެއްގައި ލިއުނީ ކަމަށް ބުނުމަކީ އިދާރީ ކަންކަން ރަސްމީކޮށް ހިންގަން އޮންނަ އިރު، އެކަން ވެގެންވާނެ ގޮތެއް ނޫން ކަމަށެވެ.
ފިޔަވަޅު އަޅާ ކޮމިޓީން އެއްވެސް ކަމެއް ނިންމިތޯ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ވެސް ސާފުކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކޮމމިެޓީގެ ބައްދަލުވުމުގައި އޮތީ މައްސަލައެއް ބަލަން ނިންމުން ކަން އެނގިވަޑައިގެންނެވި ކަމަށް ނަޝީޑު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގަވާއިދުތަކުން އޮންނަ ކަމެއްގައި ވަކި ބަޔަކު އެއްވެލާފައި ބައްދަލުވުމެއް ބާއްވައި "އެވެނި، މިވެނި ބޭފުޅަކު ކަނޑާލީއޭ" ބުނުމަކީ އަސާސީ ގަވާއިދުގައި އޮންނަ ގޮތެއް ނޫނެވެ.
"މިއީ ވަރަށް ދެރަ ކަމެއް. އަޅުގަނޑު އުއްމީދުކުރަނީ އެމްޑީޕީ އެ ދަރަޖާގައި ހިންގަމުން ނުދާނެ ކަމަށް." ނަޝީދު ވިދާޅުވި އެވެ.