ޗާގޯސްއާ ގުޅޭ ހުރިހާ މުޢާމަލާތެއް ހާމަކުރަން ޑރ. ޝަހީދު ގޮވާލައިފި

ޗާގޯސްއާ ގުޅޭ ހުރިހާ މުޢާމަލާތެއް ހާމަކުރަން ޑރ. ޝަހީދު ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
16 މެއި 2023 06:37
0

ޗާގޯސްގެ މައްސަލާގައި 1982 އިން ފެށިގެން ރާއްޖެ އިން ނިންމާފައިވާ ހުރިހާ ނިންމުމެއް ހާމަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ދިވެހި ސަރުކާރަށް މިއަދު ގޮވާލައްވައިފިއެވެ.

ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު މޮރީޝަސްއާއި ރާއްޖެއާ ދެމެދު ގާތްގަނޑަކަށް ހަމަހަމައަށް ބަހަން އެޓްލޮސްއިން ނިންމީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ 47،000 އަކަ މޭލު ގެއްލިގެން ހިނގައްޖެ ކަމަށާއި އެހެންވެ، އެ ނިންމުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

ޗާގޯސް މައްސަލައާ ގުޅުވައި އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ޝަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާއި ޗާގޯސްއާ ގުޅޭ ގޮތުން 1980 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި ނިއުޔޯކާއި ލަންޑަނުގައި ހުރި ރާއްޖޭގެ މިޝަންތަކުގައި ރައްކާ ކޮށްފައިވާ ފައިލްތައް އާއްމުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު އުފެދޭނެ ކަމަކަށް ވާތީއެވެ.

މައުލޫމާތު އިތުބާރު އުފައްދާ، އަދި ޕްރޮފެޝަނަލް ނޫސްވެރިން ބާރުވެރިކުރުވޭ ކަމެއް، ސައްހަ، ފުރިހަމަ މައުލޫމާތުގެ އަލީގައި، ރައްޔިތުން މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައިދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި ޔުނިވާސިޓީތަކުގެ ޒިންމާއެއް.

– ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވަރަށް ފަހުން ވިދާޅުވެފައިވާ ގޮތުގައި، ޑިސެމްބަރު 16، 1965 އިން ފެށިގެން ވެސް ރާއްޖޭގެ ސިޔާސަތަކީ ޗާގޯސް އަކީ މޮރިޝަސް އަށް ލިބެންޖެހޭ ތަނެއްގެ ގޮތުގައި ބެލުމެވެ. އޭނާ ވިދާޅުވީ، 1986، 1983، 1997، 2002 އަދި އެހެން ފަހަރުތަކުގައި ވެސް ދެމެހެއްޓީ އެ ސިޔާސަތު ކަމަށެވެ.

އިޓްލޮސްގައި ރާއްޖޭން ބުނަމުން އައީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ނޭނގޭތީ މިކަމުގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ނިންމާފައި ނޫނީ އިޓްލޮސްގައި މައްސަލަ ނުބެލޭނެ ކަމަށް ރާއްޖޭން ވަކާލާތުކުރިއެވެ.

ޗާގޯސް މައްސަލައާ ގުޅުވައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައެއް އިދިކޮޅުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވައްދައިފައެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވައްދަން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފަސީހު
ހާމަކޮށްފި ނަމަ އިބޫގެ ގައްދާރުކަން ހާމަވާނެ. އެންމެ ވޯޓެއްވެސް ދެން ނުލިބޭނެ.
ވ ވ
އެވަރަށް މީހުންއެދޭއިރުވެސް ހާމަނުކުރަނީ ހާދަބޮޑު ގައްދާރުކަމެއްއޮތީމާތަ