އިނގިރޭސި ޕްރިމިއާރ ލީގުގައި ލެސްޓާ ސިޓީ ދަނޑުގައި އެ ޓީމު ބަލިކޮށް، ލިވަޕޫލުން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ އުންމީދު ދަމަހައްޓައިފިއެވެ.
ހޯމަ ދުވަހުގެރޭ ލެސްޓަ ސީޓީ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން މިޑްފިލްޑަރު ކާޓިސް ޖޯންސްއެވެ. މި ހާފުގައި ލިވަޕޫލަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބި ބޭކާރުވެފައެވެ.
މެޗުގައި ލިވަޕޫލުން ޖެހި ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޓްރެންޓް އަލެކްސަންޑާ އާނޯލްޑްއެވެ. މިއީ މުޙައްމަދު ސަލާހްގެ އެހީތެރިކަމާއެކު އާނޯލްޑް ކާމިޔާބުކުރި ލަނޑެކެވެ.
މި ބައްޔާއެކު ލެސްޓާ ރެލިގޭޓްވުމުގެ ބިރުވަނީ ބޮޑުވެފައެވެ. 2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ލެސްޓާ މިވަގުތު ލީގުގެ 19 ވަނައިގައި އޮތީ 36 މެޗުން ލިބުނު 30 ޕޮއިންޓާއެކުގައެވެ.
މި މޮޅާއެކު ލިވަޕޫލް އޮތީ ލީގު ތާވަލުގެ ފަސް ވަނައިގައެވެ. އެއީ 36 މެޗުން ހޯދި 65 ޕޮއިންޓާއެކުގައެވެ. ލީގުގެ ތިންވަނަ އަދި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށާއި، ނިއުކާސަލް ޔުނައިޓެޑަށް ވަނީ 35 މެޗުން 66 ޕޮއިންޓް ލިބިފައެވެ.