ސްޓޫޑެންޓް ލޯނު ސްކީމަށް މި ސަރުކާރުން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެކުރިން ބޭރު ޤައުމުތަކުން ކިޔެވުމަށް ފުރުސަތުތައް ނުލިބޭ އެތައް ދާއިރާއަކުން ކިޔެވުމުގެ ފުރުސަތުތައް ސަރުކާރުން ހޯއްދަވައިދެއްވާފައިވާކަމަށާއި، އެކަމުގެ ސަބަބުން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ކޮންމެ ދިވެއްސަކަށްވެސް މިއަދު ފަހިވެފައިވާކަމަށެވެ.
2019 ވަނަ އަހަރު ސަރުކާރުން ފެށްޓެވި ހިލޭ ޑިގްރީ ޕްރޮގްރާމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް 17000 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ހިލޭ ޑިގްރީ ޕްރޮގްރާމުން ފަހިކޮށްދެއްވާފައިވާކަމަށެވެ. އަދި މި ޕްރޮގްރާމް ހިންގެވުމަށް މިހާތަނަށް 567 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ފެއްޓެވި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 6500 އަށްވުރެ ގިނަ ދަރިވަރުން ޑިގްރީ ހާސިލްކޮށްފައިވާކަމަށެވެ.
ދިވެހި ދައުލަތުގެ އިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީގައިވެސް، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް އަޅުގަނޑުމެން އެބަ ހޯދައިދެން. އެފަދަ ސްކޮލަރޝިޕް ސްކީމްތައް އިތުރުކޮށް މަތީ ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުޞަތުތަކެއް މިހާރުވެސް ހުރީ ތަނަވަސްކުރެވިފައި.
– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ފޯރުކޮށްދޭ ލޯނުގެ ފުރުޞަތުތައްވެސް އިތުރުކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް 1986 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ. އަދި ބައެއް ދަރިވަރުން ކިޔަވާ ނިމި އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސްޓޫޑަންޓް ލޯނަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވީހާވެސް ގިނަ ދަރިވަރުންނަށް މި ލޯނު ދެއްވުމަށް ސަރުކާރުން ގެންނެވި ބަދަލާއެކު މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ