2022 ވަނަ އަަހަރު މަތީ ޘާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް، 155 ދަރިވަރަކަށް ދީފިއެވެ.
މިއަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް 17 ދަރިވަރަކަށް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކަށް ވަނީ ދީފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދެއްވުމުގެ ބޭނުމަކީ މަތީ ޘާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށް ބާރުއެޅުއްވުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދެއްވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދެއްވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ނުވަތަ ފުރަތަމަ ޑިގްރީއަށްވުރެ ދަށުގެ ސަނަދަކަށް ކިޔެވުމަށެވެ. މި ސްކޮލަރޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ.
2022 ވަނަ އަަހަރު މަތީ ޘާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ހާސިލުކުރި 17 ދަރިވަރަކަަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހްއެވެ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި 138 ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ ބައެއް ވަޒީރުންނެވެ. ސަރުކާރުގެ ސްކޮލަރޝިޕްތައް ހާސިލުކުރި ދަރިވަރުންގެ ތެރެއިން 102 ދަރިވަރުންނަކީ އަންހެންކުދިންނެވެ.
މި ސްކޮލަރޝިޕްތައް ދީފައިވަނީ އިސްލާމާއި ދިވެހި ހިމެނޭގޮތަށް 5 މާއްދާއިން އޭ.ސްޓަރ ޙާޞިލްކޮށްފައިވާ ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން އޭ.ސްޓަރ ހާޞިލްކޮށްފައިވާ ދަރިވަރުންނަށެވެ. އަދި ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑް ލިބިފައިވާ ދަރިވަރުންވެސް މީގެތެރޭގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ