ވިލިމާލޭގައި ޤާއިމްކޮށްފައިވާ އިޖްތިމާއީ މަރުކަޒު ޖުލައި މަހު ހުޅުވަނީ

ވިލިމާލޭގައި ޤާއިމްކޮށްފައިވާ އިޖްތިމާއީ މަރުކަޒު ޖުލައި މަހު ހުޅުވަނީ

Author
އަޒްފާ ރަޝީދު
14 މެއި 2023 05:08
0

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވިލިމާލޭގައި ޤާއިމްކުރައްވާ މަރުކަޒުން އަންނަ ޖުލައިމަހު ހިދުމަތްދޭން ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ މަރުކަޒެއް ރައީސް އުފެއްދެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް އިޢުލާންކުރެއްވީ މިމަހުގެ 2 ވަނަ ދުވަހުގައެވެ.

ވިލިމާލެގައި ޤާއިމްކުރާ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުން އިޖްތިމާޢި ގޮތުން ދިމާވާ އެކި މައްސަލަތަކަށް ފަރުވާ ދިނުމުގެ އިތުުރުން ނަފްސާނީ ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރަތްތަކަށްވެސް ފަރުވާ ދޭނެއެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ވަގުތީ ރައްކާތެރިކަން އެ މަރުކަޒުން ފޯރުކޮށްދޭނެއެވެ.

ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި މި މަރުކަޒު ޤާއިމްކުރުމަށްޓަކައި ކުރިން ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތް މަރާމަތު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފަށާފައެވެ. އަދި މިހާރު މަރާމާތުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި އަންނަ ޖުލައިމަހު އެތަނުގެ މަސައްކަތް ނިންމައި، ހިދުމަތްދޭނެކަމަށް ބުނެފައިވެއެވެ.

މިވަގުތު ކުރިއަށްދަނީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްކަމަށްވެސް ޖެންޑާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.