ތަކެތީގެ އަގު އުފުލޭ މިންވަރު މިދިޔަ 10 އަހަރު ދުވަހަށްވުރެ ބޮޑު ވެއްޖެކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވެ ޓްވީޓްކޮށްފައިވަނީ ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ވަރަށް އަވަހަށް ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާއި ގުޅިގެންނެވެ.
އަމްރު ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ ރާއްޖޭގައި ތަކެތީގެ އަގު އުފުލޭ މިންވަރު މިދިޔަ 10 އަހަރު ދުވަހަށްވުރެ ބޮޑު ވެފައިވާކަމަށާއި، ކުރިން 100 ރުފިޔާ ލިބުނީމަ 50 ރުފިޔާ ޚަރަދު ކުރިއްޔާ، މިހާރު 120 ރުފިޔާ ލިބުނީމަ 90 ރުފިޔާ ޚަރަދުކުރަން ޖެހޭކަމަށެވެ. އަދި ސަރުކާރު ހިންގުމުގެ ޚަރަދު އިންތިހާޔަށް ބޮޑު ކަމުގެ ނުރައްކާ ވޯލްޑް ބޭންކުން ވެސް ފާހަގަކޮށްފައިވާކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު އެސްޓީއޯގެ އެމްޑީގެ މަޤާމުން ވަކިކޮށްފައިވަނީ މާރޗްމަހުގެ ތެރޭގައެވެ. އަމްރު މަޤާމުން ވަކިކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނުން ފެށިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގައި އުޅުއްވަމުން ގެންދަވަނިކޮށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ތާއީދު ކުރެއްވީ ވެސް ނަޝީދަށެވެ. ޕްރައިމަރީން ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމީޔާބީ އަށް ފަހު ވެސް އަމްރު ހުންނެވީ ނަޝީދުގެ ފަޅީގައެވެ. އެމްޑީޕީގެ ތެރެއިން ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ހަރަކާތަށް ވެސް އަމްރުގެ ތާއީދު ވަނީ ލިބިވަޑައިގެންފައެވެ.
އެސްޓީއޯގެ އެމްޑީގެ މަޤާމުން ވަކިކުރުމާއި އެކު އަމްރު އަންނަނީ ފާޅުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހްއަށް ފާޑުވިދާޅުވަމުންނެވެ.
ޗާގޯސް މައްސަލައިގައިވެސް އަމްރު ވިދާޅުވެފައިވަނީ ރާއްޖެއަށް ލިބެން އޮތް ފުރުސަތު ދޫކޮށްލީ ސީދާ ރައީސް ޞާލިހުގެ އަމިއްލަ މަސްލަހަތަށް ކަމަށެވެ. މިއަދު ޗާގޯސް ރާއްޖެއަށް ލިބެން އޮތް ފުރުސަތު ދޫކޮށްލުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަނަވަންޖެހޭނެ ބޭފުޅަކީ ރައީސް ޞާލިހުކަމަށް އަމްރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ