ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ރަށްރަށުގައި ބަދަހި އާއިލީ ގުޅުން ގާއިމްކުރުމަށް ހިންގުމަށް ރޭވިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 17 އަތޮޅެއްގެ 134 ރަށަކުން 358 މީހުން ތަމްރީނުކޮށްފިއެވެ.
ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް ހިންގާ މި ޕްރޮގްރާމްގެ މަޤްސަދަކީ ގެވެށި އަނިޔާ އަދި ޢާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަށްރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށްގެންދާނެ މީހުން ތަމްރީނުކުރުމެވެ. މިގޮތުން ކޮންމެ އަތޮޅެއްގައިވެސް، ހުރިހާ ރަށަކުން މީހުން ބައިވެރިކޮށްގެން ދެ ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް މިނިސްޓްރީގެ ފަރާތުން ކުރިޔަށް ގެންދަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ޓްރެއިނިންގ ޕްރޮގްރާމްގައި، ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އަނިޔާ ހިނގާ ގޮތާއި، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، އަނިޔާ ލިބޭ މީހަކު ދެނެގަންނާނެ ގޮތްތަކާއި، އަނިޔާ ލިބޭ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާއި އަދި، އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުޅޫމާތު ދޭނެއެވެ.
މީގެ އިތުރުންވެސް ޢާއިލާގެ ތެރޭގައި މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބުތަކާއި، އެފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އިތުރުން ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ޓްރެއިނިންގ ޕްރޮގްރާމްގައި މައުލޫމާތު ބަދަލުކުރެވެއެވެ.
ގެވެށި ކުޅުން ކެމްޕެއިންގެ ދަށުން ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަށައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް މިހާތަނަށް އައިއިރު ނުހިންގި އޮތް ތިން އަތޮޅަކީ ހއ، ބ އަދި ކ. އަތޮޅެވެ. މި ތިން އަތޮޅުގައިވެސް އަންނަ ޖޫން މަސް ނިމުމުގެ ކުރިން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި، މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އަމާޒަކީ މި ތިން އަތޮޅުގައި މި ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްގެންގޮސް ނިމޭއިރު މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވެފައިވާ ފެސިލިޓޭޓަރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ތިބުމެވެ.
ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ޖެންޑަރ މިނިސްޓްރީން ފަރާތުން ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ.
މި ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ހަރަކާތްތަކެއް ޖެންޑަރ މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ ބަޖެޓުންނާއި، ގެވެށި ގުޅުން ކެމްޕެއިނަށް ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކޮމެންޓު ފޮނުވާ