މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް އަށް ޖުމްލަ 15 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށާއި، ވޯލްޑް ބޭންކް އިން ދޭ މި އެހީގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސުންކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ސަރުކާރު ޙިއްޞާވާ ކުންފުނިތައް އިޞްލާޙުކޮށް، އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ހަރުދަނާކުރުމަށް ވޯލްޑް ބޭންކުން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގައި ރާއްޖެއަށް 15 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 15 މިލިއަން ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ޤައުމްތަކަށް ލުއި ގޮތްތަކެއްގެ ހޯދައިދުމުގެ މަތިން އެހީތެރިކަން ދިނުމަށް ޚާއްޞަ، ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ން ދޭ 7.5 މިލިއަން ޑޮލަރުގެ ލޯނާއި 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ.
ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމަށާއި، ޤާނޫނީ އޮނިގަނޑު އިޞްލާޙްކޮށް، ފައިސާ ލިބޭނެ މަގުތައް ތަނަވަސްކޮށް، ކަމާބެހޭ ފަރާތްތަކުގެ ޤާބިލްކަން އިތުރުކުރުމަށް އެހީތެރިވެދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާލީ އެހީތެރިކަމުގެ ތެރެއިން ރާއްޖޭގެ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 15 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފާސްކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.
މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓްގެ އަމާޒަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ތެރެއިން ހޮވާލެވޭ ކުންފުނިތަކެއްގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ވިޔަފާރިތައް ހިންގާ ގޮތް ރަނގަޅުކޮށް، އެ ކުންފުނިތަކާ މަތިކޮށްފައިވާ ޢާންމު ޚިދުމަތުގެ މަސްއޫލިއްޔަތުތަކާއި ދެވޭ ސަބްސިޑީތައް އިޞްލާޙްކުރުމަށް ސަރުކާރަށް އެހީތެރިވެދިނުމެވެ.
މި މަޝްރޫޢުގެ ޒަރީޢާއިން، ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގެ އަމިއްލަ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ޤާބިލު ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގުކޮށައިދީ، އާ މާރކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރަށްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިވެދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ