ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޔުވެންޓަސް އާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރު ވެގެންނެވެ. މިމެޗްގައި ޔުވެންޓަސްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. އެގޮތުން މެޗްގެ ބޮޑު ބައިގަ ނުރައްކާކޮށްފައިވަނީ ސެވިއްޔާއިންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 26 ވަނަ މިނެޓްގައި ސެވިއްޔާއިން ލަނޑެއް ޖަހާ މެޗްގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޔޫސުފް އެން ނަސީރީއެވެ.
މީގެއިތުރުންވެސް ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތު ތަކެއް އެން ނަސީރީ އާއި ލޫކަސް އޮކަމްޕޯސްއަށް ލިބިގެން ގޮސްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ސެވިއްޔާއަށް އެންމެ ރަނގަޅު ގޮތުގައި ހިފޭގޮތެއްނުވިއެވެ.
ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ ތެރެއަށް ޔުވެންޓަސްއިން ބޮޑަށް ވަދެ ހިތްވަރު ލިބިގެންދިއުމެވެ. ނަމަވެސް މެޗްގެ 90 މިނެޓް ހަމަވެ އިތުރު ވަގުތު ދެއްކި އިރުވެސް ނަތީޖާއަށް އިތުރު ބަދަލެއް އައިސްފައިނުވުމުން މިމެޗުން ސެވިއްޔާ މޮޅުވެދާނެކަމަށް ހީވިއެވެ. ނަމަވެސް، ޔުވެންޓަސްގެ ކުޅުންތެރިން ހިތްވަރު އެލުވާނުލާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ އިތުރު ވަގުތުގެ 7 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮޮށްދިނީ ފެޑެރީކޯ ގާޓީ އެވެ.
މިއާއެކު ދެވަނަ ލެގަށް ނިކުންނައިރު ސެވިއްޔާއަށް ފައިދާ ބޮޑުވެގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރި ނަމަވެސް އެންމެ ފަހު ވަގުތު ޖެހި ލަނޑާއެކު ޔުވެންޓަސްއިންވެސް ފައިނަލަށް ކުރާ އުންމީދު މިހާރުވަނީ އިތުރަށް ބޮޑުވެފައެވެ. ސެވިއްޔާއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ކްލަބެވެ. އެޓީމް ވަނީ މިމުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައެވެ.