ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލާގައި ރައީސްގެ ސެކިއުރިޓީ ކޮމާންޑިންގެ އިސްވެރިއާގެ މަގާމުގައު ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމްގެ އެއްވެސް އިހުމާލެއް ނެތްކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޮޓޯ ކޭޑްގެ މައްސަލާގައި ކާނަލް އަބުދުﷲ ސަސްޕެންޑް ކޮށްފައިވަނީ ސިފައިންގެ ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން ސިފައިންގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ކުރުން، މިމާއްދާގެ ދަށުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ނޫންކަމުގައެވެ.
އަދި އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ މިގޮތުން ކޮމާންޑަރުން އަދާކުރާ ޒިންމާއާއި މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެކަހެރި ކުރަނީ އެފަދަ ކަންކަމުގެ އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ހިންގުމަށް ކަމުގައެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ޕްރެޒިޑެންޝަލް ގާރޑްސް ކޮމާންޑިންގ އޮފޮސަރގެ މަގާމުން ކާނަލް އަބުދުﷲ އިބުރާހިމް ވަގުތީގޮތުން ސަސްޕެންޑް ކުރެވުނީ އެމްއެންޑީއެފްއިން އަމަލު ކުރަމުންދާ ޕްރޮސީޖާތަކާ އެއްގޮތްވާ ގޮތުގެމަގިން ކަމުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ރަސްމީ ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއަޅާފައިވަނީ ފާއިތުވި މާރޗްމަހުގެ 20ވަނަ ދުވަހުގެ ރޭ ޕީޕީއެމްއިން ކުރި މުޒާހިރާގެ ތެރެއިން މޮޓޯ ކޭޑް ދަތުރު ކުރަން އުޅުމުންނެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ކުރިއަށް ދިޔަނުދީ ހިފެހެއްޓީ ރައީސް ޔާމީންގެ ގެކޮޅުކުރިމަތިންނެނެވެ.
ރައީސްގެ މޮޓޯކޭޑް އެމަގުން ދަތުރުކުރީ ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހުއެވެ. ރައީސް ޔާމީންގެ ގެކޮޅާއި ޕީޕީއެމް އޮފީސް ހުންނަ ސަރަޙައްދަށް މޮޓޯކެޑް އައުމާއެކު އިދިކޮޅު އެކްޓިވިސްޓުންވަނީ މުޒާހަރާކޮށް ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އަޑުގަދަކޮށްފައެވެ. އަދި ރައީސް ޞާލިޙުގެ އިސްތިއުފާއަށް ގޮވާފައިވެސް ވެއެވެ.