ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް އެ ސިޓީގައި ގާއިމުކޮށްފައިވާ ޕީޖީ އޮފީހުގެ ގޮފިން ބަލައިގަންނަން ފަށައިފިއެވެ.
މީގެ ކުރިން ފުވައްމުލަކުގައި ތަހުގީގުކުރާ ޖިނާއީ މައްސަލަތައް ބަލައިގަންނަމުން ދިޔައީ ޕީޖީ އޮފީހުގެ އައްޑޫ ގޮފިން ކަމަށް އެ އޮފީހުން ބުނެއެވެ. ފުވައްމުލަކު ސިޓީއަކަށް ބަދަލުވުމާއެކު ޕީޖީ އޮފީހުގެ އަމާޒަކަށްވީ ފުވައްމުލަކުގައި ގާއިމުވެ ތިބި ތަހުގީގީ އިދާރާތަކާ ގާތުން މަސައްކަތް ކުރުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އެގޮތުން 2022 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި ދަނީ މަސައްކަތްކުރަމުން ކަމަށާއި މިހާރު އިދާރީ މުވައްޒަފުންނާއެކު މައްސަލަ ބަލައިގަތުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނީ އޭގެ ސަބަބުން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް ކުރިއަށް ގެންދަން އިތުރަށް އަވަސްވެގެންދާނެ ކަމަށެވެ. އެ އޮފީހުގެ އަމާޒަކީ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދިނުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ފުވައްމުލަކުގައި އަމަން އަމާންކަން ގާއިމުކުރުމަށް ފުލުހުންނާއި އެ ރަށު ސިޓީ ކައުންސިލް އަދި މުއައްސަސާތަކުން ކުރައްވާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ