އާސެނަލް ސިޓީއާއި ޕޮއިންޓަކާއި ގާތަށް

އާސެނަލް ސިޓީއާއި ޕޮއިންޓަކާއި ގާތަށް

އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީއާ ދެމެދުގައިވާ ފަރަގު އާސެނަލުން އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. މިއާއެކުވެސް މިމެޗްގައި ނިއުކާސްލްއަށް އާސެނަލްގެ ގޯލް ފޫއަޅުވާލެވޭގޮތެއްނުވިއެވެ. މިމެޗްގެ ކުޅުން ނިއުކާސްލްއިން ފެށީވެސް ވަރަށް ފޯރީގައެވެ. އެގޮތުން އަމިއްލަ ކުޅިބެލުންތެރިން ކުރިމަތީ ކުޅުނު މިމެޗްގެ ކުރީކޮޅު ޖޭކޮބް މަރފީ ފޮނުވާލި ހަމަލާއެއް އާސެނަލްގެ ގޯލްގެ ދަނޑިއަށް އަމާޒުވިއިރު, ނިއުކާސްލްއަށް ދިން ޕެނަލްޓީއެއް ވަނީ ވީއޭއާރުން ބެލުމަށްފަހު ނުދޭން ނިންމާފައެވެ.

މިމެޗްގައިވެސް އާސެނަލްގެ ތަރިއަކަށް ވެގެންދިޔައީ އެޓީމްގެ ކެޕްޓަން މާޓިން އޮޑެގާޑްއެވެ. އެގޮތުން މެޗްގެ 14 ވަނަ މިނެޓްގައި އޮޑެގާޑްވަނީ އާސެނަލްއަށް ލީޑު ނަގާދީފައެވެ. މިއީ އޭނާ ލީގުގައި މިފަހަރު ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. މިއާއެކު މިމެޗްގެ ފުރަތަމަ ހާފްގައި ދެން ބޮޑަށް ފެނިގެންދިޔައީ އާސެނަލްގެ ނުރައްކާތެރި ހަމަލާތަކެކެވެ. އެގޮތުން މިހާފްގައި ގެބްރިއެލް މާޓިނެއްލީ އާއި ބުކާޔޯ ސާކާ އަދި އޮޑެގާޑް ފޮނުވާލި ނުރައްކާތެރި ތިން ހަމަލާއެއްވަނީ ނިއުކާސްލްގެ ކީޕަރ ނިކް ޕޯޕް ދިފާއުކޮށްފައެވެ. އަދި މާޓިނެއްލީ ފޮނުވާލި ހަމަލާއެއްވަނީ ގޯލް ދަނޑިއަށްވެސް އަމާޒުވެފައެވެ.

މިމެޗްގެ ދެވަނަ ހާފްގައި ނިއުކާސްލްއިން ނިކުތީ ކުޅުން އިތުރަށް ވަރުގަދަކޮށް ލަނޑެއް ޖެހުމުގެ އަޒުމާއެކުއެވެ. އެގޮތުން ފުރަތަމަ ހާފެކޭ އެއްގޮތަށް މިހާފްގައިވެސް ފެށުން ރަނގަޅުވީ ނިއުކާސްލްގެއެވެ. އެޓީމުންވަނީ ނުރައްކާތެރި ދެތިން ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް މިހަމަލާތައްވަނީ އާސެނަލްގެ ކީޕަރ އާރޮން ރަމްސްޑޭލް ދިފާއުކޮށްފައެވެ. މިމެޗްގައި އާސެނަލްގެ ދެވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ކާމިޔާބުކުރިއިރު މިލަނޑަކީ ނިއުކާސްލްގެ ފަބިއަން ޝާރގެ ފައިގާ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މިކާމިޔާބީއާއެކު އާސެނަލްއަށް މިހާރުވަނީ 35 މެޗުން 81 ޕޮއިންޓް ލިބިފައެވެ. އަދި އެންމެފަހުގެ ޗެމްޕިއަން ސިޓީއަށް ލިބިފައިވަނީ 34 މެޗުން 82 ޕޮއިންޓެވެ. އެހެންކަމުން އެއްމެޗް އިތުރަށް ކުޅެފައިވީ ނަމަވެސް ލީގަށް ކުރާ އުންމީދު އާސެނަލްއިން އަދި ކަނޑައެއް ނުލައެވެ. މިމެޗުން ބަލިވުމުން ނިއުކާސްލް މިހާރު އުޅެނީ 34 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *