ޝިޔާމް ރައީސް ޞާލިޙަށް: ޞާލިޙް ވީމަ ކޯވިޑްވެސް ޞާލިޙް ވަނީތޯ؟

ޝިޔާމް ރައީސް ޞާލިޙަށް: ޞާލިޙް ވީމަ ކޯވިޑްވެސް ޞާލިޙް ވަނީތޯ؟

Author
މުޙައްމަދު ޖިމީ
30 ނޮވެމްބަރ 2020 09:39
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ސްކޫލް ދަރިވަރުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ނެރުމަށް މަޖުބޫރުކުރުވަނީ، ރައީސް ޞާލިހު އަށް ވުމުން ކޯވިޑްވެސް ޞާލިހު ވީމަތޯ ކަމަށްބުނެ އިދިކޮޅު ޕީޕިއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ސުވާ އުފައްދަވައިފިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ ލ.ގަމު ކައުންސިލްގެ ރައީސް ސޮއިކުރައްވާ އެރަށު ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގެ ޕްރިންސިޕަލަށް ފޮނުއްވާފައިވާ ސިޓީއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލ.ގަމު ތިން އަވަށުގެ ކަރަންޓް އެއް ވިއުގައިން ގުޅާލަދެއްވުމާއި، ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން ޚިދުމަތް ފައްޓަވައި ދެއްވުމާއި، ގަމު ޒޯން ސްޓޭޑިއަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށް އަންނަ މަހުގެ 3 ވަނަ ދުވަހު ވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ސްކޫލްގެ ވީހާވެސް ގިނަ ދަރިވަރުން ނެރުމަށް އަންގާފައިވަނިކޮށެވެ.

އެސިޓީއާއެކު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި ކޯވިޑް އެންމެ ގަދަޔަށް ފެތުރެމުންދަނީ މާލޭގައިކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާލެއިން ލ.ގަމަށް ވަޑައިގަންނަވާތީ އިސްތިގުބާލުގައި ނިކުންނަން ސްކޫލް ދަރިވަރުންނަށް މަޖުބޫރު ކުރުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ރައީސް ޞާލިޙް ޓެގްކުރައްވާ ކުރެއްވި ޓްވީޓްގައިި ޝިޔާމް އައްސަވާފައިވަނީ ޞާލިޙް ވީމައި ކޯވިޑްވެސް ޞާލިޙް ވަނީތޯއެވެ.

"ކޯވިޑް ފެތުރެނީ ޕީޕީއެމް ޕީއެންސީ މީހުންނާއި ރިސޯޓް މުވައްޒަފުން ދިޔައިމަތޯ؟

-ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ސުވާލު ކުރެއްވިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން މިކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކޯވިޑް-19 މާލޭގައި ފެތެރެމުންދާ މިދަނޑިވަޅުގައި ދައުލަތުގެ އިސް ބޭފުޅުން ރަށްރަށް ވަޑައިގެން އެޗްޕީއޭގެ އުސޫލުތަކަށް ޢަމަލުނުކުރައްވާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހއ.ހޯރަފުއްޓަށްވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެދަތުރުފުޅުގައި މާލެއިން އެރަށަށް ވަޑައިގެންނެވި ސަރުކާރުގެ އިސް ވެރިންނާއި ރައްޔިތުން މައްސުނިވެފައިވާ މަންޒަރުތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި ސަރުކާރުގެ އިސްބޭފުޅުން މިދަނޑިވަޅުގައި ރަށްތަކަށް ވަޑައިގަންނަވަނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށްކަމަށްވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.