ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ސްކޫލް ދަރިވަރުން ނެރުމަށް އަންގައިފިއެވެ.
ލ.ގަމު ކައުންސިލްގެ ރައީސް ސޮއިކުރައްވާ އެރަށު ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގެ ޕްރިންސިޕަލަށް ފޮނުއްވާފައިވާ ސިޓީއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެސޓީގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލ.ގަމު ތިން އަވަށުގެ ކަރަންޓް އެއް ވިއުގައިން ގުޅާލަދެއްވުމާއި، ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން ޚިދުމަތް ފައްޓަވައި ދެއްވުމާއި، ގަމު ޒޯން ސްޓޭޑިއަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށް މިމަހުގެ 3 ވަނަ ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށާއި، އެރަސްމިއްޔާތު އޮންނާނީ ލ. ގަމު މަތިމަރަދޫ ބޮޑުމަގު ހުޅަނގު ކޮޅުގައި އޮންނަ ޒޯން ސްޓޭޑިއަމްގައިކަމަށެވެ.
އެހެންކަމުން ސްކޫލްގެ ވީހާވެސް ގިނަ ދަރިވަރުން އެރަސްމިއްޔާތުގައި ބައިވެރިކޮށްދިނުން އެދޭކަމަށް އެސިޓީގައި ވިދާޅުވެފައިވެއެވެ. އަދި ދަރިވަރުން ހާޟިރުވާންވާނީ ހަވީރީ ހެދުމެއް ނުވަތަ ޤައުމީ ހެދުމެއްގައި ކަމަށްވެސް ކައުންސިލްގެ ރައީސް، ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލްގެ ޕްރިންސިޕަލަށް ފޮނުއްވާފައިވާ ސިޓިއެއްގައި ބުނެފައިވެއވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ސަބަބަކީ މާލެއިން ރަށްރަށް ދަތުރުކުރާނަމަ ކޮންމެ މީހަކީވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭ މީހެއްކަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވާއިރު ސަރުކާރުގެ އިސްވެރިން އެގޮތަށް ޢަމަލުކުރަމުން ނުދާތީއެވެ. އަދި ސަރުކާރުގެ އިސްވެރިން ރަށްރަށް ވަޑައިގެން އާންމުންނާއި މައްސުނިކޮށް މާސްކް ނާޅާ އުޅޭ ފޮޓޯއާއި ވީޑިއޯތައް ދައުރުވާއިރު، ޢާންމު ރައްޔިތުންނާއި އިއްޒަތްތެރިންގެ މެދުގައި އެޗްޕީއޭގެ އުސޫލުތަކަށް ޢމަަލުކުރުމުގައި ތަފާތުކުރުން ގެންގުޅޭކަމަށްވެސް ފާޑުކިއުންތަކުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ސްކޫލް ދަރިވަރުން އެމަނިކުފާނަށް މަރުޙާބާ ދެންނެވުމަށް ނެރުމަށް އަންގާފައިވާއިރު، މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ސްކޫލްތަކަށް ފޮނުވާފައިވާ ސިޓީއެއްގައިވެސް ވަނީ ސަރުކާރުގެ އިސްވެރިންނާއި ޢިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ދަރިވަރުން ގިނަވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ޞިއްޙަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމަކަށްވާތީ އެކަން ނުކުރުމަށް އަންގާފައެވެ.
ކޮމެންޓު ފޮނުވާ