ކަމެއް ރަނގަޅުކުރުމުގެ ނިޔަތެއް ސަރުކާރުގައި ނެތް، އޮތީ ވައްކަންކުރުމުގެ ނިޔަތެއް: ސަލީމް

ކަމެއް ރަނގަޅުކުރުމުގެ ނިޔަތެއް ސަރުކާރުގައި ނެތް، އޮތީ ވައްކަންކުރުމުގެ ނިޔަތެއް: ސަލީމް

Author
މުޙައްމަދު ޝަޒައިމް
06 މެއި 2023 01:37
0

މިސަރުކާރުގައި ކަމެއް ރަނގަޅު ކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށާއި، އޮތީ ވައްކަން ކުރުމުގެ ނިޔަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެކަން ކުރިއަށް ނުދަނީ އެއީ ހަމައެކަނި ވޯޓު ހޯދުމަށް ދެއްކި ވާހައަކަށް ވަތީކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ދެއްކެވި ވާހަތަކަށް ތާއީދު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ސަލީމް ވިދާޅުވީ މިސަރުކާރުން އެއްވެސް ކަމެއް އިސްލާހު ކުރުމަށް މަސައްކަތް ނުކުރައްވާކަމަށެވެ. އަދި އެފަދަ ހެޔޮ ނިޔަތެއްވެސް މިސަރުކާރުގައި ނެތްކަމަށެވެ. ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ ވައްކަން ކުރުންކަމަށާއި އެކަން ބަރާބަރަށް ސަރުކާރުން ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން ކީއްކުރަން އެއްވެސް ކަމެއް އިސްލާހު ކުރުމުގެ ނިޔަތެއް ސަރުކާރުގައި ނެތް. އޮތީ ހަމަ އެކަނި ވައްކަން ކުރުމުގެ ނިޔަތް.

– ސަލީމް ވިދާޅުވިއެވެ.

ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. ވެރިކަމުގެ ދައުރު މިމުމަށް 4 މަހަށް ވެފައިވާއިރު މިހާތަނަށްވެސް ޖޭއެސްސީ އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިނުވެއެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ޖޭއެސްސީއަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތް މިނިވަން ތަނަކަށް ހެދުންކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.

މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމަކީ މިސަރުކާރުން ވީ ބޮޑު ވައުދެއް ނަމަވެސް އެވައުދަކީ ވޯޓު ހޯދަން ވީ ވައުދެއް ކަމަށެވެ. މިހާތަނަށް އައިއިރުވެސް މިވައުދު ފުއްދުމަށް އެއްވެސް ކަމެއް ނުކުރާކަމީ މިކަމުގައި ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން ހާމަވާ ކަމެއްކަމަށް ޖުޑީޝަރީ ކޮމެޓީގައިވެސް އިންނަވާ މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
ތިމާމެންގެ ފަސްބައި އޮތީ މިހާރު ފޮރުވިފައޭ ހީވަނީއެވެ. ފެށުނީވެސް ދިދަތައް ވިއްކައިގެންނެވެ. ދެންވެސް ހުޅުމާލެއިން އެތަށް ބިމެއް ދަމައިގަތީ ރިޝްވަތު ދީގެންނެވެ. މިހާރު މިވާ ގޮތަކީ އެގޮތަށް ފޭސް2 ން ބިމެއް ނުލިބުނީމާ ވައްކަމުގެ ނިޔަތް އުފެދެނީއެވެ. ގުދޯ ގުދޯ