ވަގު ނޫޓު ގެންގުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށްޓަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަޝްރަފް ކިޔާ މީހެކެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ މި މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައެވެ.
އަޝްރަފްގެ ބަންދަށް ކޯޓުން މުއްދަތު ޖެހީ އޭނާއަށް ކުރާ ތުހުމަތާ ގުޅިގެން އެކަށީގެންވާ ހެކި ހުރެގެން ކަމަށް ބަންދު އަމުރުގައިވެ އެވެ. އެހެންވެ އޭނާ އަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ވަގު ނޫޓް ގެންގުޅުނު މީހާއަށް ތުހުމަތުކުރާ އިތުރު ކުށްތަކެއް ހުރި ކަމަށްވެސް ކޯޓު އަމުރުން ފާހަގަވެއެވެ. ވަގު ނޫޓު ގެންގުޅުނު ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަކަށް މިފަހަކުން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.