ބައިނަލްއަޤުވާމީ ޓްރައިބިއުނަލްއެއްގައި އޮތް މައްސަލައަކާއި ގުޅުން ހުރި ކަމެއްގައި ބަދަލު ކުރެވޭ ލިޔެކިޔުންތަކަކީ އާއްމު ކުރުމަށް ޑިޕްލޮމެޓިކް ޕްރެކްޓިސް ހިއްވަރުދޭ ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު މިހެން ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ބޭރުގެ ގައުމުތަކުގެ ވެރިންނަށް ފޮނުއްވާ ސިޓީފުޅުތައް މީޑިޔާގައި ހާމަކުރާނަމަ ރާއްޖެއާއި ވާހަަކަ ދައްކާނެ ގައުމެއް ނޯންނާނެ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޗާގޯސް މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ބައިނަލްއަގުއާމީ އުސޫލުތައް ބަލައިގަނެ އެ އުސޫލުތަކަށް ތަބާވާންޖެހޭ ކަމަށެވެ. އެގޮތުން ދޭދޭ ގައުމުތަކުގައި ހިގާ މުއާމަލާތްތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަޅުގަނޑުމެން އެކަންޏެއް ނޫން ދުނިޔޭގައި އޮތީކީ، ބަައިވަރު ގައުމުތައް އެބަހުރި. އަޅުގަނޑުމެން ނޫން މާބޮޑަށް މިކަހަލަ ކަންތައްތަކަށް ފަރިތަ ގައުމުތައް އެބައޮތް، ހުޅުވާލެވިފައިވާ ގައުމުތައް އެބައޮތް. އެމެރިކާ، އިނގިރޭސި ވިލާތް، އެތަންތާގައި ހިނގާ ހުރިހާ ކޮރޮސްޕޮންޑެންސެއް، ތަނުގެ ބޮޑުވަޒީރާ ދުނިޔޭގެ ގައުމުތަކާއި ދޭތެރޭގައި ހިނގާ ހުރިހާ ކަމެއް ހުންނަނީ ޕަބްލިކަކު ނޫން. ޓުވީޓްކޮށްފައެއް ނޫން. އެ އޮންނަ އުސޫލުތަކެއްގެ ދަށުން ލިބޭނީ.
– ޝާހިދު ވިދާޅުވިއެވެެ.
ޝާހިދުގެ ވާހަކަތަކަށްރައްދު ދެއްވައި ޑރ.ޝަހީދު ވިދާޅުވީ ބައިނަލްއަޤުވާމީ ޓްރައިބިއުނަލްއެއްގައި އޮތް މައްސަލައަކާއި ގުޅުން ހުރި ކަމެއްގައި ބަދަލު ކުރެވޭ ލިޔެކިޔުންތަކަކީ އާއްމު ކުރުމަށް ޑިޕްލޮމެޓިކް ޕްރެކްޓިސް ހިއްވަރުދޭ ކަމެއް ކަމަށެވެ. ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އދ.އަށް ވެސް ފޮނުވުން ރަނގަޅު ކަމަށް ޝަހީދު ވިދާޅުވިއެވެ.
ޓްރެބިއުނަލެއްގައި އޮތް މައްސަލައަކާއި ގުޅުންހުރި ކަމެއްގައި ފޮނުވާ ސިޓީ އާންމު ކުރުމަކީ ޑިޕްލޮމެޓިކް ޕްރެކްޓިސް ގޮވާލާ ކަމެއް.
– ޑރ.ޝަހީދު ވިދާޅުވިއެވެ.
ޗާގޯސް އަކީ މޮރިޝަސްއަށް މިލްކުވެރިކަން ލިބެން ޖެހޭ އަތޮޅެއް ނޫން ކަމަށް ޒަމާނުއްސުރެ ދިވެހި ސަރުކާރުން ބުނަމުން އައި ނަމަވެސް ރައީސް ސޯލިހް ވަނީ އެނިންމުން ބަދަލުކޮށް ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގަން ޖެހޭ އަތޮޅެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރިކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ އާއްމު ކުރަން އެކި ފަރާތްތަކުން ގޮވާލަމުން ދިޔަ ނަމަވެސް ސަރުކާރުން ދަނީ ސިޓީ އާއްމު ކުރަން ދެކޮޅު ހަދަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން އިއްޔެ ކުރި ހުކުމްގައި ކޮންމެވެސް ވަރަކަށް އޭގައި ސިޓީގައި ހުރި ވާހަކަތައް އެބަހުރިއެވެ.
ޗާގޯސްގެ މައްސަލާގައި އދ. ގައި 2019 ވަނަ އަހަރު ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސް އާ ދެކޮޅަށް ކަމަށްވާތީ އެއީ ގައުމުތަކުގެ އިސްތިއުމާރީ ކުރުމަށް ހިތްވަރު ލިބޭ ނިންމުމެއް ކަމަށް އޭރު ފާޑު ކިޔުންތައް އަމާޒުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެ އަކީ އިސްތިއުމާރު ކުރުމަށް ތާއީދު ކުރާ ގައުމެއް ނޫން ކަމަށާއި އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ، ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސް އިން ހުށަހަޅާފައިވާތީ އެކަމަށް އިހްތިޖާޖް ކުރުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް އޭގެ ފަހުން އިޓްލޮސް އިން ނިންމާފައި އޮތީ މޮރިޝަސް އިން ހުށަހަޅާފައި އޮތް ކްލެއިމް ކުރެވޭނެއޭ. އޭގެ މާނައަކީ ޗާގޯސް އަކީ މޮރިޝަސްގެ ތަނެކޭ. އެ ވާހަކަ އަޅުގަނޑު ބުނެފައި އިންނާނީ. ދެން އެ މައްސަލަ އަތުވެއްޖިއްޔާ އަޅުގަނޑުމެން އަމަލު ކުރާނީ އެގޮތަށޭ. އެއީ އިނގިރޭސިންގެ ތަނެކޭ އަޅުގަނޑުމެން ނުބުނާނަމޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރައީސަކު އަނެއް ރައީސަކަށް ފޮނުވާ ސިޓީއެއް މީގެ ކުރިން ވެސް އާންމުކޮށްފައި ނުވާ ކަމަށާއި އެގޮތަށް އާންމު ކުރަން ވެއްޖެ ނަމަ ހުރިހާ ސިޓީއެއް ހުންނާނީ "ޕަބްލިކް ޑޮމެއިންގައި" ކަމަށެވެ. އެކަމަކު، އެކަހަލަ ސިޓީތަކުގެ މައުލޫމާތު ދީފައި އެބަހުރި ކަމަށާއި އެ ސިޓީގެ މައުލޫމާތުތައް ވެސް ދެއްވަން ޖެހިއްޖެ ނަމަ ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ