އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، އެމަގުގެ ސްޓޮޕް އެންޑް ޝޮޕް ފިހާރަ ހުންނަ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އަދި އެކުންފުނިން ބުނެފައިވަނީ، ކޭބަލަކަށް ގެއްލުންވެ، ކޭބަލް ހިމެނޭ ސަރަހައްދުން ކަރަންޓު ދިއުމާއި ގުޅިގެން، ވަގުތީ ކޭބަލެއް އަޅައި، މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމަށް 2 ގަޑި އިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިކުންފުނީގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، އެމަގުގެ ސްޓޮޕް އެންޑް ޝޮޕް ފިހާރަ ހުންނަ ސަރަހައްދުން މިހާރު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. ވަގުތީ ކޭބަލެއް އަޅައި، މި މައްސަލަ ހައްލުކޮށް pic.twitter.com/ZgTx3TcpZY
— STELCO (@STELCOMALDIVES) May 4, 2023
އަދި ފަހުން ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ވަގުތީ ކޭބަލް އެޅުމަށް ގިނަ އިރުތަކެއް ހޭދަވާނެ ކަމަށް ބެލެވޭތީ، އޭގެ ބަދަލުގައި ކޭބަލްގެ ގެއްލުންވެފައިވާ ހިސާބު ވަކިކޮށް ޖޮއިންޓެއް ހެދުމުގެ މަސައްކަތް ކޮށްފައިވާ ކަމުގައެވެ.
މަސައްކަތް ކުރިޔަށްދާތާ ދެ ގަޑިއެއްހާއިރު ފަހުން އެސްޓީއޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، އަމީނީމަގު ހެދުމުގެ ތެރޭ ގެއްލުންވި ޑިސްޓްރިބިއުޝަން ކޭބަލް މަރާމާތު ކުރުމަށްފަހު މިހާރު ވަނީ ކަރަންޓު ކެނޑުނު ސަރަހައްދަށް އަލުން ކަރަންޓު ދީފައި ވާކަމަށާއި، ދިމާވި ދަތިތަކަށް އެ ކުންފުނިން މާފަށް އެދޭ ކަމުގައެވެ.