އިނގިރޭސި ޕްރިމިއަރ ލީގުގައި އާލިން ހާލަންޑް ރިކޯޑު ގާއިމުކުރި މެޗާއެކު ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗް ސިޓީ ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ. މިއީ ސިޓީން ޖެހިޖެހިގެން ލީގުގައި ކާމިޔާބުކުރި 9 ވަނަ މެޗެވެ. މިކާމިޔާބީއާއެކު ސިޓީން މިވަނީ ތާވަލްގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ސިޓީގެ އެންމެ މޮޅު ކުޅުން ފެނިގެން ނުދިޔައިރު ވެސްޓް ހޭމްއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ސިޓީއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލާފައެވެ.
މިމެޗްގައި ސިޓީގެ ފުރަތަމަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ޖަހާ އެޓީމަށް ލީޑު ނަގައިދިނީ އަނިޔާއިން އެނބުރި އައިސް ފުރަތަމަ އެގާރައިން ރޭ ޖާގަހޯދި ޑިފެންޑަރ ނޭތަން އައިކަރއެވެ. އަދި މެޗްގެ 70 ވަނަ މިނެޓް ވެގެން ދިޔައީ އިންގްލިޝް ޕްރިމިއަރ ލީގުގެ ތާރީޚްގައި ލަނޑު ޖެހުމުގެ އާރިކޯޑެއް ސިޓީގެ ފޯވަޑް ހާލަންޑް ހެދި ވަގުތަކަށެވެ. މިއީ މިސީޒަންގައި ހާލަންޑް ލީގުގައި ކާމިޔާބުކުރި 35 ވަނަ ލަނޑެވެ. މިއާއެކު އޭނާ މިވަނީ ޕްރިމިއަރ ލީގުގެ 42 މެޗްގެ ސީޒަނެއްގައި އެންޑީ ކޯލް އާއި އެލަން ޝިއެރަރ ހަދާފައިވާ 34 ލަނޑުގެ ރިކޯޑް މުގުރާލާފައެވެ.
އަދި މިސީޒަންގެ ހުރިހާ މުބާރާތަކަށް ބަލާއިރު ނޯވޭއަށް ނިސްބަތްވާ މިކުޅުންތެރިޔާ ވަނީ 51 ލަނޑު ޖަހާދީފައެވެ. އަދި އެއް ސީޒަނެއްގައި ހުރިހާ މުބާރާތަކަށް ބަލާލާއިރު އެންމެ ގިނަ ލަނޑު ޖެހުމުގެ މިހާރުގެ ރިކޯޑް ކަމަށްވާ ޑިކްސީ ޑީންގެ ރިކޯޑާއި ހަމަކުރުމަށް ހާލަންޑަށް މިހާރު ބޭނުންވަނީ 12 ލަނޑެވެ. އަދި ބާކީ 9 ވަރަކަށް މެޗް ސިޓީއަށް އޮތުމާއެކު މިއީވެސް އޭނާއަށް ހަމަކުރެވިދާނެ ރިކޯޑެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިމެޗްގައި ސިޓީގެ ފަހު ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ފިލް ފޯޑެންއެވެ.
މިކާމިޔާބީއާއެކު ސިޓީން މިވަނީ މިހާތަނަށް ކުޅުނު 33 މެޗުން 79 ޕޮއިންޓް ހޯދާ ތާވަލްގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި ދެވަނައިގައި އުޅޭ އާސެނަލް އެއް މެޗް އިތުރަށް ކުޅެފައިވުމުން މިއަންނަ ހޮނިހިރު ދުވަހު ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކުރެވިއްޖެނަމަ ސިޓީއަށް ހަތަރު ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ. މިމެޗަށްފަހު ސިޓީގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުންވަނީ ހާލަންޑް މިމެޗްގައި ގާއިމް ކުރި އާ ރިކޯޑް ފާހަގަ ކުރުމުގެ ގޮތުން އޭނާއަށް ގާޑް އޮފް އޮނަރއެއް ދީފައެވެ.
މިމެޗުން ބަލިވުމާއެކު ވެސްޓް ހޭމް އުޅެނީ 34 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.